އެމްޑީޕީއެކޭ ތަފާތެއް ނެތް، އިންޑިއާއިން ބުނި ހުރިހާ ކަމަކަށް ރައީސް އެއްބަސްވެއްޖެ: އުމަރު

އުމަރު ނަސީރު: އޭނާ ވިދާޅުވީ، މި ސަރުކާރު ވެސް އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރަކަށް ބަދަލުވެއްޖެ ކަމަށް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިދިޔަ އެމްޑީޕީ ސަރުކާރެކޭ އެއްގޮތަށް އިންޑިއާއިން ބުނި ހުރިހާ ކަމަކަށް އެއްބަސްވެފައިވާ ކަމަށާއި މިއީ ވެސް އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ތުހުމަތުކުރައްވައިފިއެވެ.

ޕީޕީއެމް/ޕީއެންސީން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭނަށް ފަހުގައި ރައީސް މިހާރު ގެންދަވަނީ އިންޑިއާއާ ވަރަށް ގާތުން މަސައްކަތްކުރައްވަމުންނެވެ.

އެ ގޮތުން، މިހާރު ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުން ހިމޭނެހެން ގިނަ ކަންތައްތަކަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެ ކަމަށް ފާޑުވިދާޅުވެ، މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ، މިއީ މި ފަހުގެ ތާރީޚެއްގައި ރައްޖޭގެ ވެރިއަކު ކެމްޕޭން ވައުދަކާ މިހާ ފާޅުގައި ޚިލާފުވި ފުރަތަމަ ފަހަރު ކަމަށެވެ. އެމްޑީޕީގެ ވެރިކަމާއި ޕީއެންސީގެ މި ސަރުކާރާ އެއްވެސް ތަފާތެއް ނެތް ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވައިފައެވެ.

"އިންޑިޔާގެ ގޮޑިކޮއްކޮ ސަރުކާރަކަށް ބަދަލުވެ، ބުނި ހުރިހާ ކަމަކަށް އެއްބަސްވީ،" މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރެއްވި އުމަރު މީސްމީޑިއާގައި ލިޔުއްވިއެވެ.

އޭނާ ވިދާޅުވީ، އިންޑިއާގެ އަސްކަރިއްޔާ ފޮނުވައިލަން މި ސަރުކާރުން ވީ ވައުދު ވެސް ނުފުއްދުނު ކަމަށެވެ. އަދި، ކުރީ ސަރުކާރުތަކުން ވެސް އެއްބަސްނުވެ، ހުރި ކަންކަމަށް މި ސަރުކާރުން މިހާރު އެއްބަސްވެފައިވާ ކަމަށް އުމަރު ވަނީ ތުހުމަތުކުރައްވައިފައެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން ގޮވާލައި ފެށި 'އިންޑިއާ އައުޓް' ކެމްޕޭނަށް ފަހު ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ އިންޑިއާ ސިފައިންގެ ބަދަލުގައި އާންމުން ގެންނަ އެއްބަސްވެފައެވެ. އެ ގޮތުން، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިނުން ފޮނުވާލާފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ އިއުލާނުކޮށްފައެވެ.

https://sun.mv/197615

އެކަމަކު، އެއީ ސިފައިންގެ ޔުނީފޯމް ބާލާފައި ކުލަ ހެދުމުގައި ބޭރު ސިފައިން ގެނައުން ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން މީގެ ކުރިން ވަނީ ސިފަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސްގެ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް އެއްބަސްވުމެއް ވެސް ގާއިމުކޮށްފައެވެ. އަދި، އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރަން ވެސް މިއަދު ވަނީ ފަށައިފައެވެ.

ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ދައުވަތު ދެއްވައިފައެވެ.

https://sun.mv/197617

ދިގު މާޒީއާ ހިލާފަށް، ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ރައީސް މުއިއްޒު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވާފައިވަނީ ޗައިނާއަށެވެ. ކުރީގެ ގިނަ ރައީސުން ވަޑައިގެންނެވީ އިންޑިއާއަށެވެ. އަދި، ޗައިނާއިން އެނބުރި ވަޑައިގެން ރައީސް މުއިއްޒު އިންޑިއާއަށް ނުރުހުމުގެ ބަސްފުޅުތަކެއް ވެސް އަމާޒުކުރެއްވިއެވެ.

އޭގެ ފަހުން މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން މީސްމީޑިއާގައި މޯދީއަށް ކުޑައިމީސްކުރި މައްސަލައެއް ފެންމަތިވެ، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ.

އެކަމަކު، އޭގެ ފަހުން އަނެއްކާ ވެސް ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެ ގޮތުން، އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކަށް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ.

comment ކޮމެންޓް