ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމުގައި ހުންނެވިއިރު ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައަކީ އެ މަނިކުފާނު އަމިއްލަފުޅަށް ކުޅުއްވި "ޑްރާމާއެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލު އުފެއްދެވުމަކީ، އޭގެ ސަބަބުން އެފަދަ ހަމަލާތައް ރާވާ ފަރާތްތަކަށް ލިބޭނެ ހިތްވަރެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިއީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހިނގާދިޔަ ހާދިސާއެކެވެ.
އޭރު ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް ރޭ ވަނީ، ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައަކީ ޔާމީން އަމިއްލަފުޅަށް ކުޅުއްވި "ޑްރާމާއެއް"ތޯ ސުވާލުއުފައްދަވާފައެވެ.
އަބްދުއްރަހީމް ދެއްކެވި ވާހަކަފުޅާ ގުޅިގެން, އެ ހާދިސާ ހިނގިއިރު ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އުމަރު "ސަން" އަށް ވިދާޅުވީ، އެއީ ދައުލަތުގެ އިސް މަގާމެއްގައި ހުންނަވާ ބޭފުޅަކު ދައްކަވަންޖެހޭނެ ފެންވަރުގެ ވާހަކަފުޅެއް ނޫން ކަމަށެވެ. އަދި އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އުމަރު ސިފަކުރެއްވިއެވެ.
އުމަރު ވިދާޅުވީ "އާދައިގެ އެކްޓިވިސްޓެއް ކަންމަތީ ސައި ހޮޓަލެއްގައި އިނދެ" އެފަދަ ވާހަކައެއް ސިޔާސީގޮތުން ދެއްކުމަކީ އަދި ތަފާތު ކަމެއް ކަމަށެވެ. އެހެންނަމަވެސް އަބްދުއްރަހީމް ފަދަ ބޭފުޅަކު މަތީ މަގާމެއްގައި ހުންނަވައިގެން އެފަދަ ވާހަކައެއް ދެއްކެވުމަކީ ނުރައްކާތެރި ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.
އެފަދަ މަގާމެއްގައި ހުންނަވާ ބޭފުޅެއް ވަކިން ޚާއްސަކޮށް ޓީވީއަކަށް އަރައި ދެއްވާ އިންޓަވިއުއެއްގައި ދައްކަންޖެހޭ ފެންވަރުގެ ވާހަކަތަކެއް ނޫން އެއީ، އުމަރު ނަސީރު
ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކަށް އަމާޒުކޮށް އެފަދަ ހަމަލާއެއް ދިންއިރު، އެއީ "ކުޅޭކުޅޭ" ކަމެއް ނޫން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އަދި އެއީ ފުލުހުން އެ މައްސަލައެއް ސީރިއަސްކަމާއެކު ބަލައި، ބައެއްގެ މައްޗަށް ދައުވާކޮށް ކުރިއަށް ގެންދިޔަ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެފަދަ ވާހަކަތަކެއް ދެއްކުމަކީ، އެކަންކަން ރާވާނެ ފަރާތްތަކަށް ލިބިގެންދާ ހިތްވަރެއް ކަމަށް އުމަރު ވިދާޅުވިއެވެ.
އެ ދުވަހާ ގުޅޭ ވާހަކަ ހިއްސާކުރައްވަމުން އަބްދުއްރަޙީމް ވިދާޅުވީ، އޭރު އެ މަނިކުފާނަކީ ސަރުކާރުގައި ހުންނެވި މީހެއް ނޫން ކަމަށާއި، އެ މަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގައި ކަމަށެވެ. އެހެންކަމުން އޭރު ޔާމީން ދައްކަވަމުން ގެންދެވި ވާހަކަފުޅުގެ މައްޗަށް އިތުބާރު ކޮށްގެން މަޖިލިސް މެންބަރުން ތިއްބެވީ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިއަދު ރައީސް ޔާމީން ކަންކުރައްވާ ގޮތާއި ދައްކަވަމުންދާ ވާހަކަފުޅުތަކުން އޭރުގައި ދެއްކެވި ވާހަކަފުޅުތަކާ މިއަދު ދައްކަވާ ވާހަކަފުޅުތައް ދިމާނުވާ ކަމަށް އަބްދުއްރަހީމް ތުހުމަތުކުރެއްވިއެވެ. އެހެންކަމުން ފިނިފެންމާ މައްސަލައިގައި ސުވާލު އުފައްދަން ޖާގަ ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ސިފައިންގެ މާލޭ އޭރިއާގެ އޭރުގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ)އާއި އޭރުގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިތުރުން ދެ ބޮޑީގާޑަކަށް ކްރިމިނަލް ކޯޓުން ހުކުމްތަކެއް ކުރިއެވެ. ނަމަވެސް، އެ މައްސަލަތައް އަލުން ބަލަން އަންގައި ހައި ކޯޓުން ވަނީ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުރިހާ ހުކުމެއް ބާތިލް ކޮށްފައެވެ.
އެ މައްސަލައިގައި އަލުން މީހެއްގެ މައްޗަށް ދައުވާ އުފުލުމުގެ ވިސްނުމެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިދިޔަ އަހަރުގެ މެއި މަހު ވަނީ ބުނެފައެވެ.