ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑުު ޖެހީ ރޭ ބޭއްވި މުޒާހަރާގެ ބައިވެރިއަކު ކަމަށް ބުނާ ބުނުން ޕީޕީއެމް/ޕީއެންސީއިން ދޮގުކޮށްފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދެ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހީ އެމީހުން ފުލުހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ކަމަށެވެ. އަދި އެހާ ބޮޑަށް ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި އެކަން ކުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް، ޕީއެންސީ އަކީ އެފަދަ ކަމެއް ކުރާނެ ބައެއް ނޫން ކަމަށާއި އެ ދެ ޕާޓީން އެފަދަ ކަމަކަށް ހިތްވަރުވެސް ނުދޭނެ ކަމަށެވެ.
އެ ހަޑިމުޑުދާރު އަމަލަކީ އެހެން ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށާއި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާނެކަން ޔަގީން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މާލޭގެ ވަށައިގެންވާ ސީސީޓީވީ ފްޓޭޖްތައް ބެލުމަށްފަހު އެ ހަޑިމުޑުދާރު އަމަލު ހިންގި މީހަކު ހައްޔަރުކުރުމަށް ވެސް ޝިޔާމް ގޮވާލެއްވިއެވެ.
"މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި އެ ފަރާތް ހައްޔަރު ކުރުމަށް ގޮވާލަން،" ޝިޔާމް ކުރެއްވި ޓްވީޓްގައިވެއެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް، ޕީއެންސީން ދުވަހަކުވެސް ދިވެހި ފުލުހުންނާއި ސިފައިންނާ ކުރިމަތިނުލާނެ ކަމަށެވެ.
"އެއީ އަޅުގަނޑުމެންގެ އިހްތިރާމާއި ލޯތްބާއި ގަދަރު ލިބިގެންވާ ދެ މުއައްސަސާ. ދިވެހި ފުލުހުންނާއި ސިފައިންނަށްޓަކައި އަޅުގަނޑުމެން އަބަދުވެސް ފަޚުރުވެރިވަން،" އަދުރޭ ކުރެއްވި ޓްވީޓްގައިވެއެވެ.