ގަލްފުގެ ގައުމުތަކުން ގަތަރާ ހާރިޖީ ގުޅުންތައް ކަނޑާލައި، އެ ގައުމުތަކުގެ ވައިގެ ސަރަހައްދަށް ގަތަރުގެ ގައުމީ އެއާލައިނަށް ނުވަދެވޭ ގޮތަށް ބަންދުކުރި ކުރުމުގެ ސަބަބުން ގަތަރު އެއާވޭސް އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގަތަރު އެއާވޭސްއިން ބުނީ ޔޫއޭއީ، ސައުދީ އަރަބިއާ އަދި ބަހްރައިނުގެ އިތުރުން މިސްރާ ދެކޮޅަށް އިންޓަނޭޝަނަލް އިންވެސްޓްމެންޓް އާބިޓްރޭޝަންގެ ހަތަރު މައްސަލައެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. 2017 ވަނަ އަހަރުން ފެށިގެން މި ހަތަރު ގައުމުން ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އެ ގައުމުތަކުގެ ވައިގެ ސަރަހައްދުން ގަތަރު އެއާވޭސްގެ ފްލައިޓުތަކަށް ދަތުރުކުރުން އޮތީ މަނާވެފައެވެ. ގަތަރު އެއާވޭސްއިން މަސައްކަތްކުރަނީ މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބަދަލެއްގެ ގޮތުން ފަސް ބިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށެވެ.
ގަތަރު އެއާވޭސްއިން ބުނީ ފާއިތުވި 30 ވަރަކަށް އަހަރު ތެރޭ މި ހަތަރު ގައުމުގައި އެ އެއާލައިނުން ބޮޑެތި އިންވެސްޓުމެންޓުތައްކޮށް، އެ ގައުމުތަކަށް އެތައް ހާސް ފަސިންޖަރުންނެއް އުފުލާފައިވާނެ ކަމަށެވެ. މީގެ އިތުރުން މި ގައުމުތަކަށް އަހަރެއްގެ މައްޗަށް އެތައް ހާސް ޓަނެއްގެ ކާގޯ، ގަތަރު އެއާވޭސްގެ ފްލައިޓުތަކުގައި އުފުލިކަމަށްވެސް ބުނެފައިވެއެވެ.
ގަތަރުގެ ވަށައިގެންވާ ބޮޑު ސަރަހައްދެއްގެ ވައިގެ ސަރަހައްދު ކޮންޓްރޯލްކުރަނީ ޔޫއޭއީ، ބަހުރައިން އަދި ސައުދީންނެވެ. އެހެންކަމުން މި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ގަތަރު އެއާވޭސްއިން ޖެހުނީ، ދަތުރުކުރަންޖެހޭ މަންޒިލުތަކަށް ދިއުމަށް އެގައުމުތައް ވަށާލައިގެން، ނުވަތަ އެހެން މަގަކުން ދަތުރުކުރާށެވެ.
ގަތަރުގެ ދޯހާއަކީ ދުނިޔޭގެ ހުޅަނގާއި އިރުމަތި ގުޅުވައިދޭ މައި ނާރެހެކެވެ. ގިނަ އެއާލައިންތަކެއް ދަތުރުކުރާ އިރު ދޯހާގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުގައި ޓްރާންސިޓުކުރެއެވެ.
ގަތަރު އެއާވޭސްއިން ބުނީ 2017 ވަނަ އަހަރުގެ ޖޫން ފަސް ވަނަ ދުވަހުން ފެށިގެން، ކުރިން އެންގުމަކާ ނުލާ ޔޫއޭއީ، ބަހްރެއިން، ސައުދީ އަރަބިއާ އަދި މިސްރުން ވަނީ ގަތަރު އެއާވޭސް އަދި އެއާލައިނުގެ އޮޕަރޭޝަންތަކަށް އަމާޒުކޮށްގެން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިި ކަމަށެވެ. މިއީ އެއާލަައިނުގެ އިންވެސްޓުމެންޓުތަކަށް ގެއްލުންދީ، އެއާލައިނުގެ ގްލޯބަލް އޮޕަރޭޝަންސްއަށް ގެއްލުން ދިނުމަށް ނިންމާފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްބަސްވުންތަކާވެސް ހިލާފު ނިންމުންތަކެއް ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.
މިއަދުވެސް މި ފިޔަވަޅުތަކުގެ ސަބަބުން އެއާލައިނުގެ އޮޕަރޭޝަންތަކަށް ދަތިވާކަން ގަތަރު އެއާވޭސްއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން މި ގައުމުތަކުގެ ވައިގެ ސަރަހައްދު ގަތަރު އެއާވޭސްއަށް ބަންދުކޮށް އެއާޕޯޓުތަކަށް އެ އެއާލައިނަށް އޮޕަރޭޓުކުރުން މަނާކުރުމުގެ ފިޔަވަޅުވެސް މި ހަތަރު ގައުމުން ވަނީ އަޅައިފައެވެ.
ގަތަރު އެއާވޭސްއިން މަސައްކަތް ކުރަނީ ހަތަރު އިންވެސްޓްމެންޓް އާބިޓްރޭޝަނެއް މެދުވެރިކޮށް މި ގެއްލުންތަކުގެ ބަދަލު ހޯދުމަށެވެ. އެ އެއާލައިނުން ބުނާގޮތުން މި ގައުމުތަކުން ވަނީ އޯއައިސީ އިންވެސްޓްމެންޓް އެގްރީމެންޓާއި، ދަ އަރަބް އިންވެސްޓްމެންޓް އެގްރިމެންޓްގެ އިތުރުން ގަތަރާއި މިސްރާ ދެމެދު އެކުލަވާލާފައިވާ ބައިލެޓްރަލް އިންވެސްޓްމެންޓް މުއާހަދާއާ ހިލާފުވެފައެވެ.
އާބިޓްރޭޝަން ނޯޓިސްތަކުން، މި ގައުމުތަކުން މި މުއާހަދާތަކާ ހިލާފުވެފައިވަކަން އެނގެން އެބައޮތް ކަމަށާއި ގަތަރު އެއާވޭސްގެ އިންވެސްތުމެންޓުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމުން މި ގައުމުތައް ފެއިލްވެފައިވާކަން އެނގޭކަމަށްވެސް ގަތަރު އެއާވޭސްއިން ބުންޏެވެ.
އިންވެސްޓްމެންޓް އާބިޓްރޭޝަންތަކާ ގުޅޭގޮތުން ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރު އަލް ބަކުރު ވިދާޅުވީ މި ހަތަރު ގައުމުން ގަތަރު އެއާވޭސްއަށް އެގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމަކީ ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން ކޮންވެންޝަންތަކާވެސް ހިލާފުކަމެއް ކަމަށެވެ.
ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ތިން އަހަރުދުވަހު މަސައްކަތްކުރުމަށްފަހު އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފައިވާއިރު، މިސްރު، ޔޫއޭއީ، ބަހްރެއިން އަދި ސައުދީއިން ޒިންމާވާންޖެހޭ ކަންތައް އެބަހުރިކަމަށް ސީއީއޯ ވިދާޅުވިއެވެ.
ގަތަރު އެއާވޭސްއަކީ ދުނިޔޭގެ އެންމެ ބޮޑެތި އެއަލައިންތަކުގެ ތެރޭގައި ހިމެނޭ އެއާލައިނެކެވެ. އެ އެއާލައިނުން ބުނީ އަބަދުވެސް މަސައްކަތްކުރަނީ ފަސިންޖަރުންނަށް ހިތްހަމަޖެހޭފަދަ މަތީފަންތީގެ ހިދުމަތެއް ދިނުމަށް ކަމަށެވެ. 2019 ވަނަ އަހަރު ވޯލްޑްސް ބެސްޓް އެއާލައިނުގެ ޝަރަފު ހޯދާފައިވާ ގަތަރު އެއާވޭސްއިން ދުނިޔޭގެ 160 ގައުމަކަށް ދަތުރު ކުރެއެވެ.