ފަލަސްތީނުގެ ދައުލަތެއް ބިނާކުރާނަމަ އެކަން ސައޫދީގެ ބިމުގައި ކުރުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގޮވައިލުމުން އެ ކަން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައިވަނީ ނަތަންޔާހޫ ދެއްކި ޒިންމާދާރުކަން ކުޑަ އަދި ނަފުރަތު އުފެދޭ ވަހަކަތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ދިވެހި ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާއާއެކު އޮތް އެކުވެރި ވަރުގަދަ ގުޅުމާއެކު ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި، ސަލާމަތާއި، ސަރަޙައްދީ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ވާހަކައެއް ފާޅުކަން ބޮޑު ގޮތެއްގައި ބަލައިނުގަންނަ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، މިފަދަ ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޗާޓަރާ ސީދާ ޚިލާފުވުން ކަމަށް ވެސް ދިވެހި ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ރާއްޖެއިން އަބަދުވެސް ބަލައިގަންނާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް 1967 ގެ ބޯޑަރުތަކާ އެއްގޮތަށް ގާއިމްކުރުން ކަމަށް ބުނެފައިވެއެވެ. އަދި ފަލަސްތީނުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި އިރުމަތީ ގުދުސްކަމުގައި ހެދުން ކަމަށެވެ.
އެ ސަރަހައްދުގެ އަސްލު އޮޅުވައިލާ ނޭދެވޭ އަސަރުކުރާ އެ ފަދަ ނަފުރަތު އުފެދޭ ބަޔާންތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅު އެޅުމަށް ވެސް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ.
މީގެ އިތުރުން އެފަދަ ބަޔާންތަކަކީ ހަމައެކަނި ސައުދީ އަރަބިއްޔާގެ މިނިވަންކަމަށް އަރައިގަތުން ނޫން ކަމަށާއި، އެއީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގެންފައި އޮތްތުން ދޭހަވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
މި ކަމާ ބެހޭ ގޮތުން ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަތަންޔާހޫގެ މި ވާހަކަތަކުގެ ބޭނުމަކީ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް އެއް ފަރާތްކޮށް ފަލަސްތީނުގެ މައްސަލައިގެ ހަގީގަތް އޮޅުވާލެވޭތޯ ބެލުމެވެ.
ސައޫދީގެ ބަޔާން ބުނާގޮތުން ފަލަސްތީނުގެ ދައުލަތް އުފައްދާނީ ފަލަސްތީނުގެ ބިމުގައެވެ. އެ ކަމަށް ޓަކައި އިސްރާއީލު ޖެހޭނީ ފަލަސްތީނުގެ ބިންތަކުން ފައިބާށެވެ. އަދި, ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއް އުފައްދައިދޭށެވެ. އެ ނޫން ގޮތަކަށް ދެ ދައުލަތުގެ ހައްލު ގެނެސްގެން މެނުވީ އިސްރާއީލަށް އަމާންކަން ނުލިބޭނެ ކަމަށާއި އަދި ސަރަހައްދަށް ވެސް ހަމަޖެހުން ނުގެނެވޭނެ ކަމަށް ސައުދީން ބުނެފައިވެއެވެ.
އެއީ އިސްރާއީލަށް ހުރަސް ނުކުރެވޭނެ ރަތްރޮނގެއް ކަމަށް ބުނެ، ސައޫދީ ސަރުކާރުން އިސްރާއީލަށް އިންޒާރު ދީފިއެވެ.