އަރުޝީފުކުރުމާއި ރެކޯޑް މެނޭޖްކުރުން ހަރުދަނާކުރުމަށް ސައުދީގެ އެހީ ހޯދަނީ

ނެޝަނަލް އާކައިވްސްއިން ސައުދީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުން: އެއީ އަރުޝީފުކުރުމާއި ރެކޯޑް މެނޭޖްކުރުން ހަރުދަނާކުރުމަށް އެހީތެރިވެދޭ އެއްބަސްވުމެއް -- ފޮޓޯ/ ސައުދީ އާކައިވްސް

އަރުޝީފުކުރުމާއި ރެކޯޑް މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިވުމާއި އެއްބާރުލުން ދިނުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ ސެންޓާ ފޯ އާކައިވްސް އެންޑް ރެކޯޑްއާއެކު ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި އޮތް "އާކައިވްސް އިން ދަ ޑިޖިޓަލް އޭޖް" ކޮންފަރެންސްގެ ހަވާސާގައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ، ޑިރެކްޓާ ޖެނެރަލް މުޙައްމަދު ޢާމިރު އަޙްމަދެވެ. ސައޫދީ އަރަބިއްޔާގެ ސެންޓާ ފޯ އާކައިވްސް އެންޑް ރެކޯޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޑރ. ފައިޞަލް ޢަބްދުލްޢަޒީޒު ތަމީމީއެވެ.

އެއްބަސްވުމާ ގުޅޭގޮތުން "ސަން" އަށް މައުލޫމާތުދެއްވައި ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުން ބުނީ މި އެއްބަސްވުމަކީ އިސްލާމީ ގައުމުތަކުގެ ގައުމީ އަރުޝީފުތަކުގެ އިސްވެރިންގެ މަހާސިންތާގައި ބައިވެރިވަޑައިގެންނެވުމަށްޓަކައި ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލް ޢާމިރު ސައޫދީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އިދާރާގެ ދެމެދުގައި ގާއިމުވި ގުޅުންތަކުގެ މައްޗަށް އެކުލަވައިލެވުނު އެއްބަސްވުމެއް ކަމަށެވެ.

އަދި އެ އެއްބަސްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަރުޝީފުކުރުމާއި އަރުޝީފީ ތަކެތި އިންޑެކްސްކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުން ކަމަށެވެ. އަދި ފޮޓޯއާއި، ޗާޓާއި، އޯޑިއޯވިޒައަލްސް ބެލެހެއްޓުމުގެ އިތުރުން ދުވަސްވީ ތަކެއްޗަށް ފަރުވާދީ ބޭނުންކުރެވޭ ހާލަތަށް ގެނައުން ކަމަށް ގައުމީ އަރުޝީފުން މައުލޫމާތުދިނެވެ.

ނެޝަނަލް އާކައިވްސްއިން ސައުދީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުން: ސައޫދީ އަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު ސަރީރާއި، ދުނިޔޭގެ އާކައިވާ ބެހޭ މައި އިދާރާގެ ސެކްރެޓެރީ ޖެނެރަލް ވަނީ ބައިވެރިވެފައި -- ފޮޓޯ/ ގައުމީ އަރުޝީފް

ހަމައެއާއެކު އެ އެއްބަސްވުމުގެ ދަށުން އެ ދާއިރާތަކުން މީހުން ތަމްރީނުކުރުމާއި، އާކައިވްކުރުމުގެ ސަގާފަތާއި، ޒަމާނީ ގޮތްތަކާއި، ޓެކްނޮލޮޖީތަކާ ބެހޭ ގޮތުން އާ އިލްމާއި ތަޖުރިބާ ހިއްސާކުރުމާއި، ސްޕެޝަލިސްޓުން ތަމްރީނުކުރުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރިއިރު ސައޫދީ އަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު ސަރީރާއި، ދުނިޔޭގެ އާކައިވާ ބެހޭ މައި އިދާރާ، އިންޓަނޭޝަނަލް ކައުންސިލް އޮން އާކައިވް (އައިސީއޭ)ގެ ސެކްރެޓެރީ ޖެނެރަލް އެ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް