ރިޔާޒް (9 ފެބްރުއަރީ 2025): ފަލަސްތީނުގެ ދައުލަތެއް ބިނާކުރާނަމަ އެކަން ސައޫދީގެ ބިމުގައި ކުރުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގޮވާލުމުން އެއީ އިސްރާއީލަށް ހުރަސް ނުކުރެވޭނެ ރަތްރޮނގެއް ކަމަށް ބުނެ، ސައޫދީ ސަރުކާރުން އިސްރާއީލަށް އިންޒާރު ދީފިއެވެ.
މި ކަމާ ބެހޭ ގޮތުން ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަތަންޔާހޫގެ މި ވާހަކަތަކުގެ ބޭނުމަކީ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް އެއް ފަރާތްކޮށް ފަލަސްތީނުގެ މައްސަލައިގެ ހަގީގަތް އޮޅުވާލެވޭތޯ ބެލުމެވެ.
ސައޫދީގެ ބަޔާން ބުނާގޮތުން ފަލަސްތީނުގެ ދައުލަތް އުފައްދާނީ ފަލަސްތީނުގެ ބިމުގައެވެ. އެ ކަމަށްޓަކައި އިސްރާއީލު ޖެހޭނީ ފަލަސްތީނުގެ ބިންތަކުން ފައިބާށެވެ. އަދި, ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއް އުފައްދައިދޭށެވެ. އެ ނޫން ގޮތަކަށް (ދެ ދައުލަތުގެ ހައްލު ގެނަސްގެން މެނުވީ) އިސްރާއީލަށް އަމާންކަން ނުލިބޭނެ ކަމަށާއި އަދި ސަރަހައްދަށް ވެސް ހަމަޖެހުން ނުގެނެވޭނެއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ބިންތަކުން ފަލަސްތީނުގެ ރައްޔިތުން ނެރެ ބޭރުކޮށްލުމަށްޓަކައި އިސްރާއީލުން ހިންގާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ގަބޫލު ނުކުރެވޭނެ ކަމަށް ވެސް މި ބަޔާން ބުނެއެވެ. އަދި، ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރުމުގެ ޖަރީމާ އާ ސައޫދީ ސަރުކާރު ކަނޑައެޅިގެން ދެކޮޅު ހަދާނެ ކަމަށް ވެސް މި ބަޔާން ބުނެއެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރާނަމަ އެކަން ކުރަންޖެހޭނީ ސައޫދީ ބިމުގައި ކަމަށް ބުނެ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ ދެއްކި ވާހަކަތަކަށް އަރަބި އެތައް ގައުމަކުން ވެސް ވަނީ ދެކޮޅު ހަދައި ބަޔާންތައް ނެރެފައެވެ. އަރަބި ލީގާއި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ) ވެސްވަނީ ނަތަންޔާހޫގެ މި ވާހަކަތަކާ ދެކޮޅަށް ވަކިވަކުން ބަޔާންތައް ނެރެފައެވެ.
ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމުނުކުރެވޭނެ ކަމާއި އެ ކަމަށް ފުރުސަތު ނުދެވޭނެ ކަމަށް ބުނެ ބައިނަލްއަގުވާމީ ގާނޫނަށާއި އދ. ގެ ގަރާރުތަކަށް ގޮންޖަހާފައެވެ.
އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ އަމަލުތައް އެންމެ ބޮޑަށް ސްޕޮންސާކުރާ ގައުމު ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކޮށް އުރުދުންއާއި މިސްރަށް އެ މީހުން ފޮނުވާލުމަށް ގޮވާލައްވާފައެވެ. އަދި، އެމެރިކާއިން ޣައްޒާ ހިފައި އެ ތަނަށް ވެރިވެގަނެ އެތަން އާރާސްތުކޮށް ފްރެންޗް ރިވެރާ ފަދަ ޓޫރިސްޓް ރެސޯޓް ސަރަހައްދަކަށް އެތަން ހަދައި އެ ތަނުން ފައިދާ ނަގަން ބޭނުންވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، މިކަމަށް ފަލަސްތީނުގެ އިތުރުން މިސްރާއި އުރުދުން އަދި ޔޫރަޕްގެ ގައުމުތަކާއި އދ. އާއި އަދި މުޅި ދުނިޔެ ވެސް ދެކޮޅު ހެދުމުން މިއީ ކުރެވޭނެ ކަމެއް ނޫންކަން އެނގި އެމެރިކާގެ ރާގު މިހާރުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.
ޓްރަމްޕްގެ ތަރުޖަމާން މިހާރު ވިދާޅުވަނީ ޓްރަމްޕް ޣައްޒާއާ ބެހޭގޮތުން ދެއްކެވި ވާހަކަތައް ވަނީ އޮޅުވާލާފައި ކަމުގައެވެ. ޣައްޒާގެ ރައްޔިތުން އެ މީހުން ބިމުން ބޭރުކުރަން ޓްރަމްޕް ހުށަހެޅުއްވީ ވަގުތީ ގޮތުން ކަމަށާއި އަލުން އެ ބިމަށް އައުމުގެ ފުރުސަތު ޣައްޒާގެ ރައްޔިތުންނަށް ދިނުން އެ ޕްލޭންގައި ހިމެނޭ ކަމުގައެވެ.
މީގެ އިތުރުން، ޣައްޒާގެ ރައްޔިތުން އެ މީހުންގެ ބިމުން ބޭރުނުކޮށް ޣައްޒާގެ ސަރަހައްދެއްގައި ބައިތިއްބައިގެން ވެސް ޣައްޒާ އާރާސްތުކޮށް ބިނާކުރެވިދާނެ ކަމަށް ވައިޓް ހައުސްއިންވަނީ ބުނެފައެވެ.
ޓްރަމްޕްގެ ސަރުކާރުގެ މަސްއޫލުވެރިންގެ ވާހަކަތައް ހުރި ގޮތުން ދޭހަވަނީ ޣައްޒާ އަލުން ބިނާކޮށް އާރާސްތުކޮށް ފްރެންޗް ރިވެރާ ފަދަ ޓޫރިސްޓް ރެސޯޓް ފަދަ ތަނަކަށް އެތަން ހެދުމަށްޓަކައި ކުރަންޖެހޭ އިންވެސްޓްމަންޓްތައް ވެސް ކުރަންޖެހޭނީ އެހެން ފަރާތްތަކުން ކަމުގައެވެ. ނަމަވެސް، އެގޮތަށް ހެދުމަށް ފަހު ޣައްޒާއަށް ލިބޭ އާމްދަނީ އަކީ އެމެރިކާގެ އެއްޗެއް ކަމުގައެވެ.
ނަތަންޔާހޫ ވަނީ އިސްރާއީލު ސިފައިން ޣައްޒާ ހިފުމަށް ފަހު އެތަން އެމެރިކާއާ ހަވާލުކުރާނެ ކަމަށާއި އަދި ޣައްޒާ ހިފަން އެމެރިކާ ސިފައިން ނުފޮނުވިޔަސް އެކަން އިސްރާއީލަށް ކުރެވޭނެ ކަމަށް ބުނެ ވަރަށް ފޮނި އަދި ބޮޑާ ބަސްތަކަކުން ވާހަކަ ދައްކާފައެވެ. ނަމަވެސް، 15 މަސް ދުވަހުގެ ހަނގުރާމައަށް ފަހު ވެސް އިސްރާއީލަށް ޣައްޒާ ހިފިފައެއް ނުވެއެވެ. އަދި، ހަމާސް ޖަމާއަތް ނައްތާލެވިފައެއް ވެސް ނުވެއެވެ. ގަދަބާރުން އިސްރާއީލުގެ ރަހީނުން މިނިވަން ކުރުމުގައި ވެސް އިސްރާއީލު ވަނީ ނާކާމިޔާބުވެފައެވެ.
ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ދައުލަތެއް އުފައްދައި ނުދީވެސް ސައޫދީގެ ރުހުމާއި ސައޫދީގެ އިއުތިރާފު އިސްރާއީލަށް ލެބޭނެ ކަމަށް ބުނެ ދާދިފަހުން ވާހަކަ ދައްކާފައެވެ. ނަމަވެސް، ސައޫދީ ސަރުކާރުން ވަނީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނަށް ދައުލަތެއް އުފައްދައި ދިނުމުގެ ކުރިން ސައޫދީން އިސްރާއީލާ ގުޅުންތައް ނުއުފައްދާނެ ކަމަށް ބުނެ ތަކުރާރުކޮށް ބަޔާންތައް ދީފައެވެ.
comment އަސްލަމުކޮއި
2 month 4 day ago
އިޒްްރާޢީލް އާއި އެމެރިކާއިން ކުރާ އަދި ކުރަން އުޅޭ އެއްވެސްކަމަކަށް ހުރަސް އަޅައި ހުއްޓުވަން، ހެޔޮނިޔަތުގައި، އުޅޭނެ އެއްވެސް ފަރާތެއް، ޤަވްމެއް ނެތް!ދައްކަނީ ހުސް ހުވަފެން!!
comment އަލީ
2 month 5 day ago
ސައުދީން ތިޔަ ދެއްކީ ކިތައްމެހައިވެސް އަޑުއަހާލަން ބޭނުންވެފައި ހުރި ވާހަކަތަކެއް. އެކަމަކު ތިއީ އަސްލު ތިމީހުން ތިކަން ހަމައަސްލުވެސް ދެކޭގޮތް ކަމާދޭތެރޭ ޔަގީންކަމެއް ނެތް
comment ޝާމް
2 month 5 day ago
ގާޒާގެ ރައްޔިތުން ގަތުލު ކުރަމުން ދިޔައިރު މިވެރިންގެ ބޮޑެތި އަސްކަރިއްޔާތަކާއި އުޅަނދާއި ހަތިޔާރުތަށް ގުދަން ތަކުގަ ފުރިފަ ތިބެމެ މިވެރިންތިބީ ކުޅިވަރު އާލާކުރުވަންށާއި ޣައިރު މުސްލިމުންނާއި ގުޅިގެން މެގަ ޕުރޮޖެކްޓު މަޝްވަރާ ކުރާށެވެ. އެންމެ ކުޑަމިނުން ތެޔޮ އުފެއްދުން ހުއްޓާލައި ހުޅަނގު އިނދެޖައްސާލާކަށެއްވެސް ނުކެރުނު. ދެން މިއަދު ތީސްމާރުޚާން ހެދިގެން މާގަދަ އިންޒާރުގެ ދަޅަ ދައްކާނެ ކަމެއްނެތް.
comment ސަން
2 month 5 day ago
ސައުދީ ކިން އިންޒާރެއްދޭކަށް. ގާޒާ ރައްޔިތުން މަރާ ހުސްކުރިއިރު ތިބި ގޮތަށް މިހާރުވެސް ތިބޭނީ. އަނގަ ހެލުވޭނީ މިވެރިންނަށް. ދެން ގޮސް ރަންއިލޮށިން ކަދުރުކާން ތިބެ ގަހުވަ ބޯންތިބެފަ ހައްޖުވެރިން ފެލާލާ.
comment ޖުހާ.
2 month 5 day ago
ދެބެން ޒުވާބުކޮށްލީ. ފަހުން ރަނގަޅުވާނެ. ތިއައީ އެއް ނަސްލަކުން އައިސްތިބި އެއް ލޭ. މުސްލިމުންނަށް ގުރުއާން ތަފްސީރުކޮށްދެނީވެސް ނަތަންޔާހޫ.