ފުޓުބޯޅަ ކުރިއެރުވުމަށް ބޭނުންވަނީ ހަރުދަނާ އޮނިގަނޑެއް: ނިޒާމްބެ

ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) --- ފޮޓޯ/ އެފްއޭއެމް

ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ބޭނުންވަނީ ޒުވާން ކުޅުންތެރިންނާއި، ކޯޗުން ތަމްރީން ކުރާނެ ހަރުދަނާ އޮނިގަނޑެއް ކަމަށް ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ގައުމުން ބޭރުގެ ވަރުގަދަ ލީގަކަށް ދިޔަ ފުރަތަމަ ދިވެހި ކޯޗު އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް ނިޒާމްބެ މިއަދު ކުރި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ކުރަން ޖެހޭ ބައެއް ކަންކަމުގެ ވާހަކަ ދައްކައިފަ އެވެ. އޭނާ ކުރި ޓްވީޓުގައި ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ރާއްޖޭގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނާއި، ކޯޗުންގެ ވާހަކަ އެވެ.

"އަހަރަމެން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުން ސީރިއަސް ނަޒަރަކުން ބަލާ ކަމުގައިވާނަމަ ކުރަންވީ ކަމަކީ ޒުވާން ކުޅުންތެރިނާއި، ކޯޗުންނަށް ހަރުދަނާ އޮނިގަނޑެއް ފުރަތަމަ ބިނާ ކުރަންވީ. އަދި ފުޓުބޯޅައަށް އަންނަ ޒަމާނީ ތަރައްގީއަށް ހޭނެން ވެސް ޖެހޭ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ އަކީ މިހާރު ގައުމީ ޓީމުގައި ތިބި މުހިއްމު ގިނަ ކުޅުންތެރިންތަކެއް ފުޓުބޯޅައިގެ އިސް ސަފަށް ނެރެދިން ކޯޗެވެ. އެގޮތުން 2015 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކުލަބާ އެކު ފުރަތަމަ ޑިވިޝަނަށް ނުކުމެ ނިޒާމްބެ ގެންގުޅުނު ސްކޮޑުން ހޮވާލެވުނު އުއްމީދީ މިޑްފީލްޑަރު ނާއިޒު ހަސަން (ދާދު) އާއި، އިބްރާހިމް ވަހީދު (އިއްބެ) އަދި އޭގެ ފަހުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަކީ މިވަގުތު ކުލަބު ލެވެލްގަޔާއި، ބައިނަލް އަގުވާމީ މައިދާނުގައި ވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިންނެވެ.

ނިޒާމްބެ ދިވެހި ފުޓުބޯޅައިގައި ކޯޗެއްގެ ގޮތުގަޔާއި، ކުޅުންތެރިއެއްގެ ގޮތުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދި އިރު، ރާއްޖޭގެ ފުޓުބޯޅައިގެ ގިނަބަޔަކު އޭނާ ފާހަގަ ކުރަނީ ރާއްޖޭގެ ފުޓުބޯޅައިގައި މިވަގުތު ހުރި އެންމެ ޓެކްނިކަލީ މޮޅު އެއް ކޯޗުގެ ގޮތުގަ އެވެ.

ނިޒާމްބެ ވަނީ އެފްއޭއެމުން މިފަހުން ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ބައިވެރިވެ ފުޓުބޯޅަ މިހާރު އޮތް ހާލަތާއި، އެކުޅިވަރު ކުރިއެރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެ ޝޯގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ، މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ސީޒަން ނިންމާލަން ޖެހުމާއެކު މިހާރު ކުރިމަތި ވެފައިވާ ހާލަތަކީ ލީގް ބުރޭންޑް ކުރަން ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށެވެ.

https://sun.mv/137012

އަދި ރާއްޖޭގެ ލީގާއި ކުލަބުތަކުގެ ހާލަތު ބަދަލު ނުކޮށް ފުޓްބޯޅައިގައި ކުރިއަށް ނުދެވޭނެ ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

"މިހާތަނަށް ރާއްޖޭގައި ނެތް ނަލިސިސްއެއް ހެދިފައެއް، ކީއްވެގެންތޯ މީހުން ފުޓްބޯޅަ ނުބަލަނީ، ކީއްވެގެންތޯ ބަލާ މީހާ ބަލަނީ، ބަލަން ބޭނުން ވަނީ ކޯޗެއްތޯ، އޭނައަށް ދަނޑަށް ނުދެވެނީ ކީއްވެގެންތޯ، ދަނޑަށް ދާން ބޭނުން ވަނީ ކޮންކަމުތޯ، މިކަންކަން ދެނެގަންނަށް އަޅުގަނޑުމެން އެބަޖެހޭ އެނަލިސިސްއެއް ހަދަން،"

ނިޒާމްބެ އިތުރަށް ބުނީ، މިހާރު މިއޮތް ހާލަތުގެ ސަބަބުން އަލުން ފުޓުބޯޅަ ސީޒަން ފެށުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނެ އެއް ކަމަކީ ލީގަކަށް ތައްޔާރުވާން ކުޅުންތެރިންނަށް އެކަށީގެންވާ ވަގުތު ދިނުން ކަމަށެވެ. އެހެންކަމުން އެފްއޭއެމްއިން އާ ސީޒަނުގެ ކަލަންޑަރު އެކުލަވާލުމުގައި އެކަމަށް ވިސްނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ނިޒާމްބެ ބުންޏެވެ.

comment ކޮމެންޓް