ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު، ރެއާލް ބެޓިސް އަތުން ބަލިވެ، އެއްވަނައަށް އަރަށް ލިބުނު ފުރުސަތު ގެއްލުވާލައިފިއެވެ.
ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް ބަލިވެފައިވަނީ 2-1 އިންނެވެ.
މެޗުގެ 10 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ރެއާލުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، ލީޑު ވެސް ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރަހީމް ޑިއާޒެވެ.
ބެޓިސްއިން ނަތީޖާ ހަމަހަމަކުރީ 34 ވަނަ މިނެޓުގައި ރެއާލްގެ ކުރީގެ ކުޅުންތެރިޔާ އިސްކޯ ނަގައިދިން ކޯނަރަކުން ޖޮނީ ކާޑޯސޯއެވެ. ބެޓިސް މޮޅުވި ލަނޑު ކާމިޔާބުކުރީ މެޗުގެ 54 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރެއާލްގައި ނުވަ އަހަރު ހޭދަކޮށް މިހާރު ބެޓިސްގެ ކެޕްޓަން ބޭންޑް އަޅަައިގެން ކުޅެމުން އަންނަ އިސްކޯއެވެ.
މި ކާމިޔާބީއާ އެކު ބެޓިސް މިހާރު ވަނީ ކުޅުނު 26 މެޗުން ލިބިފައިވާ 38 ޕޮއިންޓާ އެކު ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. މެޗުން ބަލިވުމުން ރެއާލް މިހާރު ވަނީ 54 ޕޮއިންޓާ އެކު ތިންވަނައަށް ވެއްޓިފައެވެ. އެއީ، ކުރިން ތިންވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑް ރޭ ކުޅުނު މެޗުން މޮޅުވުމުންނެވެ. މިއީ މި ސީޒަންގައި ރެއާލް ލަލީގާގައި ބަލިވި ހަތަރުވަނަ މެޗެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނީ، މެޗުގައި އޭނާގެ ކުޅުންތެރިންނަށް ރަނގަޅަށް ނުކުޅެވުނު ކަމަށާއި މެޗުން ބެޓިސް މޮޅުވުން ހައްގު ކަމަށެވެ. ޔުއޭފާ ޗެމްޕިއަންސް ލިގުގައި އެޓްލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗަށް ކުޅުން ރަނގަޅު ނުކޮށްފި ނަމަ އެ މެޗުން ވެސް ބަލިވުން ގާތް ކަމަށް އޭނާ ބުންޏެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ޖިރޯނާއާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު 2-2 އިންވީ އެއްވަރެވެ. ރެއާލް ވަޔަކާނޯއާއި ސެވިއްޔާ ބައްދަލުކުރި މެޗު ވެސް ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.