އަލުން އަނބުރާ ފުޓުބޯޅަ ސީޒަން ފަށާއިރު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކެނޭ ކުލަބުތަކަށް ޕްރި ސީޒަން ހެދުމަށް އެކަށީގެންވާ ވަގުތު ދިނުން ކަމަށް ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގޮވާލައިފިއެވެ.
ރާއްޖޭގައި މީގެ ކުރިން ފުޓުބޯޅަ ސީޒަން ނިންމާލުމުން ގިނަ ކުޅުންތެރިންނަކީ ރަށްރަށަށް ގޮސް މުބާރާތްތައް ކުޅެ ހަދާ ކުޅުންތެރިންނެވެ. އެހެން ކަމުން ދެން އަންނަ ސީޒަނަކާއި ކުރިމަތިލާއިރު ވެސް ކުޅުންތެރިން ތިބެނީ ފިޓް ވެގެންނެވެ. އެކަމަކު މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ އެކު ގިނަ ކުޅުންތެރިންތަކެއް މިވަގުތު ތިބީ ފުޓުބޯޅައާ މުޅިން ދުރުގަ އެވެ.
އެފްއޭއެމުން ރޭ ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަމުން ތަޖުރިބާކާރު ކޯޗު ނިޒާމްބެ ބުނީ މިހާރު މިއޮތް ހާލަތުގެ ސަބަބުން އަލުން ފުޓުބޯޅަ ސީޒަން ފެށުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނެ އެއް ކަމަކީ ލީގަކަށް ތައްޔާރުވާން ކުޅުންތެރިންނަށް އެކަށީގެންވާ ވަގުތު ދިނުން ކަމަށެވެ. އެހެންކަމުން އެފްއޭއެމްއިން އާ ސީޒަނުގެ ކަލަންޑަރު އެކުލަވާލުމުގައި އެކަމަށް ވިސްނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ނިޒާމްބެ ބުންޏެވެ.
"މީގެ ކުރިން ދުވަހަކުވެސް ދިވެހި ކުޅުންތެރިން ރެސްޓް ނުކުރާހާ ގިނަ ދުވަސްތަކަކު ރެސްޓް ކުރަން ޖެހިފައި މިއޮތީ. ހަގީގަތަކީ ފުޓުބޯޅައިން އާއްމުދަނީ ހޯދަން ކުޅޭ ކުޅުންތެރިން މިހާރު ގިނަ. އެހެންކަމުން އެކުޅުންތެރިންނަކީ އޮފް ސީޒަނުގައި ވެސް ކޮންމެސް އަތޮޅެއްގައި، ކޮންމެސް މުބާރާތެއް އަބަދުވެސް ކުޅޭ ކުޅުންތެރިންތަކެއް. އެހެންވީމަ އާ ސީޒަނާ ކުރިމަތިލާ އިރު އެ ކުޅުންތެރިންގެ ކޮންޑިޝަން ހުންނަނީ ވަރަށް ރަނގަޅުކޮށް،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ ކުރިއަތް އޮތް ސީޒަނަށް ކުރިމަތިލާ އިރު ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ ފިޓްނެސް މައްސަލައާއި، ކުރިން ހުރި ފޯމަށް އަލުން އެނބުރި ރުޖޫއަވުން ކަމަށެވެ.
"މިކަން ހައްލު ކުރުމަށް އަޅުގަނޑު ދަންނަވާނީ އެފްއޭއެމްއިން ސީޒަންގެ ކަލަންޑަރު އެކުލަވާލުމުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ވިސްނަން ޖެހޭނީ ޕްރި ސީޒަން ހެދުމަށް ކުޅުންތެރިންނަށް ވަގުތު ދޭންޖެހޭނެއޭ،"
ކޮރޯނާ ވައިރަހުގެ ޕޮޒިޓިވް ކޭސްތައް ރާއްޖެއިން ފެންނަން ފެށުމާ އެކު އެފްއޭއެމް އިން ވަނީ 2019-2020 ވަނަ ސީޒަން މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ކެންސަލް ކޮށްފަ އެވެ. އޭރރު ދިވެހި ޕްރިމިއާ ލީގު ނިމިފައި އޮތް ނަމަވެސް އެފްއޭކަޕާއި، ޕްރެޒިޑެންޓް ކަޕުގެ އިތުރުން ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް އޮތީ ނުނިމި އެވެ.
ފުޓުބޯޅަ ސީޒަން ކެންސަލް ކުރުމުގެ ކުރިން އެފްއޭއެމްއިން ތައްޔާރުވަމުން އައީ މި އަހަރުގެ ޖޫން މަހު އާ ސީޒަން ފެށުމަށެވެ. އެކަމަކު ކުޅުން އަލުން ފެށޭނެ މާހައުލެއް ނެތުމާ އެކު އަންނަ ސީޒަން އެންމެ އަވަހަކަށް ވެސް ދެން ފެށޭވަރު ވާނީ އަންނަ ސެޕްޓެމްބަރު ހިސާބުގައި ކަމަށް އެފްއޭއެމްއިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އޭއެފްސީން ވަނީ މާޗް މަހު 18 ވަނަ ދުވަހު މުއްދަތެއް ނެތް ގޮތަށް އޭއެފްސީ ކަޕް ފަސް ކޮށްފަ އެވެ. އޭއެފްސީ އަންދާޒާ ކުރާ ގޮތުގައި އޭއެފްސީ ކަޕް އެންމެ އަވަހަށް ފެށުނަސް ފެށޭނީ ޖުލައިގަ އެވެ. ނަމަވެސް އޭޝިއާގެ ހުރިހާ ޒޯނެއްގައި ޖުލައިގައި ވެސް ފެށޭނެ ކަމެއް ނޭނގެ އެވެ.
އަނެއް ކޮޅުން ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތައް ވެސް މި އަހަރު ކުރިއަށް ހުރުމުން، އޭއެފްސީގެ މުބާރާތްތައް ނިންމާލެވޭނެ ވަކި ހިސާބެއް ބުނަން ވެސް އޮތީ ނޭނގި އެވެ.