އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް މި ފަހަރުގެ މުބާރާތުން ކަޓައިފިއެވެ.
މިމުބާރާތުން ޔުނައިޓެޑް ކެޓީ ފަސްވަނަ ބުރުގައި ފުލަމް އަތުން އަމިއްލަ ދަނޑުގައި 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-3 އިންނެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި މެޗުގެ ލީޑު ނަގާފައިވަނި ފުލަމުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑާ ކެލްވިން ބަސޭއެވެ. މެޗުގައި ޔުނައިޓެޑުން އެއްވަރުކުރި ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒެވެ. މި ލަނޑާ އެކު މެޗުގެ ފަހު 20 މިނެޓެއްހާއިރުގެ ފޯރި ގަދަވިއެވެ.
އިތުރު ވަގުތުގެ 30 މިނެޓުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ.
އެއަށް ފަހު، ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ދެ ޓީމުން ވެސް ފުރަތަމަ ތިން ޕެނަލްޓީ ވަނީ ވައްދާލާފައެވެ. އެކަމަކު، ޔުނައިޓެޑްގެ ހަތަރުވަނަ ޕެނަލްޓީ ފުލަމްގެ ކީޕަރު ބާޑް ލެނޯ ވަނީ ދިފާއުކޮށްފައެވެ. ޔުނައިޓެޑުން ދެން ޖެހި ފަހު ޕެނަލްޓީ ވެސް ދިފާއުކޮށް ލެނޯ ވަނީ ފުލަމް ކުއާޓާއަށް ގެންގޮސްދީފައެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ފުލަމުން ބައްދަލުކުރާނީ ކްރިސްޓަލް ޕެލަސްއާއެވެ. ފުލަމްގެ އިތުރުން މިމުބާރާތުގެ ކްއާޓާ ފައިނަލުންވަނީ ބްރައިޓަން އެންޑް ހޯވް އެލްބިއަން ވެސް ޖާގަ ހޯދައިފައެވެ. ބްރައިޓަންއިން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ފަސްވަނަ ބުރުގައި ނިއުކާސްލް ޔުނައިޓެޑާ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްގެންނެވެ.