ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާއިން ރެއާލް ސޮސިއެޑާޑް ބަލިކޮށް އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-0 އިންނެވެ.
މެޗުގައި ލަނޑެއްގެ ކުރިން ފެނުނީ ރަތް ކާޑެކެވެ. ފެށިގެން 17 ވަނަ މިނެޓުގައި ސޮސިއެޑާޑްގެ ޑިފެންޑަރު އެރިޓްޒް އެލުސްޓޮންޑޯ ބާސާގެ ޑެނީ އޮލްމޯއަށް ކުރި ފައުލަކާ ގުޅިގެން ވަނީ ރަތްކާޑު ދައްކައިފައެވެ.
މެޗުގެ 25 ވަނަ މިނެޓުގައި ޖެރާޑް މާޓިން ކާމިޔާބުކޮށްދިން ލަނޑުން ބާސާއިން މެޗުގެ ލީޑު ނެގިއެވެ. އެ ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން މާކް ކަސާޑޯ ވަނީ އިތުރު ލަނޑެއް ޖަހައި ބާސާގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގައި ބާސާގެ ތިންވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ރޮނާލްޑް އަރައުހޯ ކާމިޔާބުކޮށްދިންއިރު ފަހު ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ރޮބަޓް ލެވަންޑޯސްކީއެވެ.
މި ކާމިޔާބީއާ އެކު ބާސާ މިހާރުވަނީ ކުޅުނު 26 މެޗުން ލިބިފައިވާ 57 ޕޮއިންޓާ އެކު އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެޓްލެޓިކޯ މެޑްރިޑް ދެވަނައިގައި އޮތީ 56 ޕޮއިންޓާ އެކުއެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ 54 ޕޮއިންޓާ އެކު ތިންވަަނައިގައެވެ. ސޮސިއެޑާޑް އޮތީ 34 ޕޮއިންޓާ އެކު ނުވަވަނައިގައެވެ.
މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ލެގާނޭސާއި ގެޓާފޭ ބައްދަލުކުރި މެޗު 1-0 ލެގާނޭސް ކާމިޔާބުކުރިއިރު ރެއާލް މަޔޯކާއާއި އަލަވޭޒް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެފައެވެ. އަދި، އޮސަސޫނާއާއި ވެލެންސިއާ ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.