މެމްބަރު ޝިޔާމަށް އަނިޔާވި މައްސަލާގައި ފަސް ރަށެއްގައި މުޒާހަރާކޮށްފި

ހއ. ކެލާގައި ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

މި މަހުގެ ފުރަތަމަ ދުވަހުގެރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހިނގި ހަމަނުޖެހުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމަށް އަނިޔާވި މައްސަލައިގައި، ފަސް ރަށެއްގައި މުޒާހަރާކޮށްފިއެވެ.

ޖަލްސާގައި ޝިޔާމަށް އަނިޔާވީ، އޭނާގެ ނަން އިއްވުމުން އެމްޑީޕީގެ މެންބަރުން އޭނާ ގަދަކަމުން ނެރެން މަސައްކަތް ކުރުމުންނެވެ.

ޕީޕީއެމްއިން ތުހުމަތުކުރާ ގޮތުގައި ޝިޔާމްއަށް އަނިޔާކުރަން އެންގެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި އެ މައްސަލަ ބަލައިދޭން ޕީޕީއެމް އިން މިހާރު ވަނީ ފުލުހުނަށްވެސް ހުށަހަޅައިފަ އެވެ.

މެމްބަރު ޝިޔާމު ތަޅުމުން ނެރުމުގައި އެމްޑީޕީ މެމްބަރުން އަމަލުކުރިގޮތާ ދެކޮޅަށް، މި މަހުގެ ތިން ވަނަ ދުވަހު އެންމެ ފުރަތަމަ މުޒާހަރާކުރީ ޅ. ނައިފަރުގައެވެ.

އެ މުޒާހަރާއަށްފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއާއެކު މަގުމަތީގެ ހަރަކާތްތައް ފެށުނީ ކަމަށެވެ.

އަބްދުއްރަހީމް މިއަދު "ސަން" އަށް ވިދާޅުވީ މަގުމަތީގެ ހަރަކާތްތައް ފެށުމާއެކު މިހާތަނަށް ފަސް ރަށެއްގައި މުޒާހަރާތައް ބާއްވާފައިވާ ކަމަށެވެ.

އެގޮތުން ނައިފަރުގެ އިތުރުން، ހއ. ކެލާ، ބާރަށް، ވަށަފަރު، އަދި ގއ. ވިލިނގިލީގައި ވެސް މުޒާހަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މާސްކު އަޅައިގެން، ގައިދުރުކަން ބަހައްޓައިގެން ކުރިއަށް ގެންދާ މުޒާހަރާތަކުގައި، ބައިވެރިން ގޮވަމުން އަންނަނީ މެމްބަރު ޝިޔާމަށް އިންސާފު ހޯދައިދިނުމުގެ އިތުރުން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ، ކުރީގެ ރައީސް، އަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މެމްބަރު ޝިޔާމަށް އިންސާފު ލިބޭނެ ކަމަކަށް މި ސަރުކާރުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިންސާފު ނުލިބުނަސް އެ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި، މާލެ ސަރަހައްދުގެ ލޮކްޑައުން ނިމުމަކަށް އަންނަ ހިސާބުން މާލޭގައިި ވެސް މުޒާހަރާތައް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެހެން ރަށްރަށުގައި ވެސް މުޒާހަރާތައް ރޭވެމުން އަންނަ ކަމަށެވެ.

comment ކޮމެންޓް