މި އަހަރު 7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު: އޭނާ ވިދާޅުވީ، ސަރުކާރުން މި އަހަރު 7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ދާ ގޮތަށް ސަރުކާރުގެ ކަންކަން ދާނަމަ، މި އަހަރު އަނެއްކާ ވެސް ހަތް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ، ފެންނަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް މި ސަރުކާރުން 'އުނބަށް ޖަހަމުންދާ'ތަން ކަމަށާއި މި އަހަރުގެ ބަޖެޓު ޕްލޭނާ އެއްގޮތަށް ކަންކަން ކުރާ ތަން ނުފެންނަ ކަމަށެވެ.

އެގޮތުން، މި އަހަރުގެ ބަޖެޓުގައި ޚަރަދު ކުޑަކުުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އަސާސީ ޕެންޝަން ހަމައެކަނި ހައްގުވެރިންނަށް ދިނުމަށާއި ރައްޔިތަކަށް ލިބޭ ސަބްސިޑީއާއި ޕެންޝަންގެ ރިފޯމްތައް ގެންނާނެ ވާހަކަ އޮތްކަން އަމީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ފެންނަނީ ސަރުކާރުގެ އިސްބޭފުޅުންނާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވާޙަކަފުޅުތައް ވަރަށް ބޮޑަށް ބަދަލުވެފައިވާތަން ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ބަޖެޓު 2025: މިއަހަރު ސަރުކާރުން ހަތް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައި --

އޭގެތެރޭގައި ސަބްސިޑީތައް ކުޑަކޮށް މިހާރަށް ވުރެ ބޮޑުކޮށްދޭން ރައީސްގެ ވައުދު އެބައާދޭ. އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީ، އާސަންދަ. އަދި ޕެންޝަނެއް ނުކަނޑާނެ ވާހަކަ އެބަ އާދޭ. ދެެން އަޅުގަނޑުމެން ވެސް ގަބޫލުކުރަނީ އާސަންދަ ރިފޯމުކޮށްގެން ސިއްހީ ނިޒާމުގެ ޔަގީންކަން އޮންނަންޖެހޭނެކަން. އެކަމަކު، ބަޖެޓު ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ނުދާނެކަން ފާޙަގަކޮށްލަން ބޭނުންވަނީ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

މި ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން 7.7 ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ލަފާކޮށްފައެވެ. ނަމަވެސް، މި މަސް ނިމެންދާއިރު، ޚަރަދު ކުޑަ ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް އަމީރު ގަބޫލުކުރައްވައެވެ.

އެގޮތުން، އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކަށް ނަގާ މުވައްޒަފުންނާއި ސިޔާސީ މީހުން އިތުރުވަމުން އަންނައިރު، 7.7 ބިލިއަން ރުފިޔާ ރުފިޔާ ސަލާމަތްކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

މި މިސްރާބުން ސަރުކާރު ކުރިއަށްދާނަމަ، މި އަހަރު އަނެއްކާ ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ފައިނޭންސް ކުރެވޭނެ ގޮތެއް ނެތިގެން ހަތް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށަހަޅާނެ ކަމާމެދު އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ޔަގީންކުރެވޭ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

މީގެ އިތުރުން، ސަރުކާރަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ތަން ފެންނަ ކަމަށާއި މިހާތަނަށް އަމަލުތައް ހުރި ގޮތުން ދަތުރުފަތުރާއި އިދާރީ ހިންގުމާއި ސިޔާސީ މަގާމުތަކަށް ކުރާ ޚަރަދުތައް ބަޖެޓުގައި ހުރި މިންވަރަށް ވުރެ ކުރާނެކަމަށް އޭނާ ފާޙަގަކުރެއްވިއެވެ.

މި އަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްނުވަނީސް، މިދިޔަ އޮކްޓޯބަރު މަހު މި ސަރުކާރުން ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފައެވެ. އެެއާއެކު މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.

ބަޖެޓު ހުށަހެޅިއިރު ސަރުކާރުން ވަނީ މި އަހަރު ބަޖެޓާ އެއްގޮތަށް މާލީ ކަންކަން ކުރިއަށްދާނެކަމުގެ ޔަގީންކަންދީފައެވެ. އަދި، މި އަހަރު ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނުޖެހި ނިންމާލެވޭނެ ކަމަށް އޭރު ސަރުކާރުން ބުންޏެވެ.

comment ކޮމެންޓް