ނިމުނު ދެހާސް ސައުވީސްވަނަ އަހަރު ވިޔަފާރިތަކާއި ކޮންޓްރެކްޓަރުންނަށް ސަރުކާރުން ނުދައްކާ ހުރި ބިލުތައް ހަތް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ތުހުމަތުކުރައްވައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވަނީ ސަރުކާރުން މިއަހަރަށް ފާސްކުރި ބަޖެޓާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.
އެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ސަރުކާރުން ބަޖެޓަށް ފައިނޭންސް ހޯދުމަށް ފެއިލްވެފައިވާތަން ފެނުނު ކަމަށާއި މިދިޔަ އަހަރު ސަރުކާރަށް ބޭރުން ފައިސާއެެއް ހޯދިފައި ނެތް ކަމަށެވެ.
ބަޖެޓުގެ ހުރިހާ ފަންޑިންއަކަށް ފައިސާ ހަމަޖައްސާފައި އޮތީ އެތެރޭގެ ޑޮމެސްޓިކް މާކެޓުން ކަމަށް ތުހުމަތުކުރައްވައި އަމީރު ވަނީ އެ ގޮތަށް އެކަން ކުރުމުން ކަޅު ބާޒާރަށް އަސަރުކުރި ކަމަށާއި ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވަން ހުރި ފައިސާ މަދުވި ކަމަށް ތުހުމަތު ކުރައްވާފައެވެ.
މިއަހަރުގެ ބަޖެޓުގައި 432.9 މިލިއަން ޑޮލަރު ހޯދަން ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، މިދިޔަ އަހަރު އެއްވެސް ފައިސާއެއް ނުހޯދުމާ އެކު، އެކަން ނުވާނެ ކަމަށް އަމީރު ގަބޫލުކުރައްވައެވެ.
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ސަރުކާރުން ބިލުތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ވިޔަފާރިތައް 'ބަނގުރޫޓުވުމާ' ހިސާބަށް ގޮސްފައިވާ ކަމަށެވެ.
2024ވަނަ އަހަރު ނިމުނުއިރު، ވިޔަފާރިތަކަށާއި ކޮންޓްރެކްޓަރުންނަށް ނުދައްކާ ހުރި ބިލުތަކުގެ އަދަދު ހަތް ބިލިއަން ރުފިޔާއަށް މިހާރު އެބަ އަރާ. އާންމުކޮށް އަހަރު ނިމޭއިރު މިހުންނަނީ ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާގެ ބިލުތައް ފައިސާ ނުދެއްކިކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ސަރުކާރު ހިންގަމުން ދަނީ ކޮންޓްރެކްޓަރުންގެ ފައިސާ ނުދީ، އެމީހުން ތާށިކޮށްގެން ކަމަށް އަމީރު ތުހުމަތުކުރެއްވިއެވެ. އޭނާ ވަނީ ޚަރަދުކުޑަކުރާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް، ޚަރަދުކުޑަ ނުކުރެވޭ ކަމަށާއި ކޭޝް ފްލޯއަށް ބެލުމެއް ނެތި މަޝްރޫއުތައް ހިންގަމުންދާތަން ފެންނަ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ސަރުކާރުގެ މާލީ ހާމަކަން ވަރަށް ބޮޑަށް ދަށްވާކަން އަމީރު ވަނީ ފާހަގަކުރައްވާފައެވެ.
އެހެންވެ، މިހާރު ދާ ގޮތަށް ސަރުކާރުގެ ކަންކަން ދާނަމަ، މި އަހަރު އަނެއްކާ ވެސް ހަތް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. އަދި ފެންނަނީ ސަރުކާރުގެ އިސްބޭފުޅުންނާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވާހަކަފުޅުތައް ވަރަށް ބޮޑަށް ބަދަލުވެފައިވާތަން ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ.