ވަޒީރުންނާ ކުރާ ސުވާލު ދިގުކޮށް، އިތުރު ސުވާލުކުރުމުގެ ވަގުތު އިތުރުކުރަން ހުށަހަޅައިފި

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ): ވަޒީރުންނާ ކުރާ ސުވާލު ދިގުކޮށް، އިތުރު ސުވާލުކުރުމުގެ ވަގުތު އިތުރުކުރަން ހުށަހަޅައިފި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާ ވަޒީރުންނާ ކުރާ ސުވާލު ދިގުކޮށް، އިތުރު ސުވާލުކުރުމަށް މެންބަރުންނަށް ލިބޭ ވަގުތު އިތުރުކުރަން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ. އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 81 ވަނަ މާއްދާ އަށެވެ.

މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލައިގައި އިސްލާހު ގެނައުމަށް ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި ވަޒީރަކާ ސުވާލުކުރުމުގެ ނޯޓިސް ދިނުމުގައި މެންބަރަކު ވަޒީރަކާ ކުރަން ބޭނުންވާ ކޮންމެ ސުވާލަކަށް ދެވޭނީ ވަކި ނޯޓިހެއްގެ ގޮތުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި، ސުވާލެއް ކަމަށް ބެލެވޭނީ 10 ފޮޅުވަތަށްވުރެ ދިގުނުވާނޭގޮތުގެ މަތިން ކުރެވޭ ސުވާލެއް ކަމަށް ވަނީ ބުނެފައެވެ.

ނޯޓިސް ފޮނުވުމަށް ފަހު ކުރާ ސުވާލަކަށް ވަޒީރަކު ދޭ ޖަވާބަކާ ގުޅިގެން، ނުވަތަ އޭނާއާ ކުރެވުނު ސުވާލަކާ ގުޅިގެން، ނޯޓިސް ދިނުމެއްނެތި އަނގަބަހުން އިތުރު ސުވާލުކުރުމުގެ ފުރުސަތު އެ ސުވާލުކުރި މެންބަރަށާއި އެހެން މެންބަރުންނަށް ލިބޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

އެގޮތުން، ފުރަތަމަ ފުރުސަތު އަބަދު ވެސް ދޭނީ ސުވާލުކުރި މެންބަރު އިތުރު ސުވާލެއް އޮތްނަމަ އެ ސުވާލެއް ކުރުމަށް ކަމަށް ވަނީ ބުނެފައެވެ.

އެއަށް ފަހު އިތުރު މެންބަރުންނަށް ސުވާލުކުރުމަށް ފުރުސަތު ހުޅުވާލާނެ ކަމަށާއި އެ ފުރުސަތުގައި ސުވާލުކުރުމަށް ކޮންމެ މެންބަރަކަށް ވެސް ލިބޭނީ ގިނަވެގެން އެއް މިނެޓު ކަމަށް ވަނީ ބުނެފައެވެ.

ގަވާއިދު މިހާރު އޮންނަ ގޮތުން ނަމަ އިތުރު ސުވާލުކުރުމުގެ ދިގުމިނަކީ 45 ސިކުންތެވެ.

comment ކޮމެންޓް