ވިޕްލައިނާ ހިލާފްވި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ: އަލީ އާޒިމް

އެމްޑީޕީ ޕީޖީ ގްރޫޕް ލީޑަރު އަލީ އާޒިމް (ވ): އެ ޕާޓީގެ ވިޕްލައިނާ ހިލާފްވި މެންބަރުންނަށް ފިޔަވަޅު އާޅނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި --- ސަން ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް

ޕާލިމެންޓްރީ ގްރޫޕުން ވިޕްލައިނެއް ނެރެފައި ވަނިކޮށް އެއާ ހިލާފްވުމުން މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެރިކަން ކުރާ މައި، ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް، ގާނޫނު އަސާސީ އަށް ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހު ކޮމިޓީއަށް ބަލައިގަނެ، ކޮމިޓީން ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ އެ ޕާޓީގެ ހަތަރު މެމްބަރަކު ވަނީ ހިލާފުވެވަޑައިގެންފަ އެވެ.

އެ މައްސަލައިގައި މީގެ ކުރިން އެމްޑީޕީގެ ވިޕްލައިނާ ހިލާފްވެގެން ޕާޓީން ވަކިކޮށްފައިވާ 18 ވަނަ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް (ރީކޯ މޫސަ) ވިދާޅުވީ، މަންޒަރު ވަރަށް ސާފު ކަމަށާއި އެމްޑީޕީގެ ވިޕްލައިނަކީ ބޯލަނބަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. އެގޮތުން 19 ވަނަ މަޖިލީހުގައި އެތައް މެންބަރުންނެއް އެމްޑީޕީގެ ވިޕްލައިނާ ހިލާފްވުމުން އޭނާއަށް އައި ހުކުމް ނާންނަ ކަމަށާއި އެ މައްސަލަ ވެސް ނުބަލާ ކަމަށް މޫސަ ވިދާޅުވިއެވެ.

ވިޕް ލައިނާ ހިލާފްވި ކަމަށް ބުނެ 2017 ވަނަ އަހަރުގެ ފެބްރުއަރީ އަށެއްގައި އެމްޑީޕީން އޭނާ ވަކިކޮށްފައިވަނީ، ލީޑަރުންނަށް ބިރަކަށް ވުމުން ކަމަށް މޫސަ ވަނީ ތުހުމަތުކުރައްވާފައެވެ.

މޫސަގެ އެ ޓްވީޓަށް ރައްދު ދެއްވައި އެމްޑީޕީ ޕާލިނެންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އެ މައްސަލަ ވެސް ބަލާނެ ކަމަށާއި ގަވާއިދުގައިވާ ގޮތަށް ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލް މަޖިލީހަށް ބަލައިގަނެ ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ބުދަ ދުވަހުގެ ރޭ ތްރީލައިން ވިޕެއް ނެރުނީ 41 މެންބަރުންގެ ވޯޓާ އެކު އެވެ.

ނަމަވެސް މަޖިލީހަށް ބިލު ބަލައިގަތުމަށް ރޭ ނެގި ވޯޓުގައި އެމްޑީޕީގެ ހަތަރު މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވަނީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.

ގާނޫނު އަސާސީ އިސްލާހުކުރަން ތްރީލައިން ވިޕް ނެރުމާ ދެކޮޅަށް ވޯޓު ދެއްވި 10 މެންބަރުންގެ ތެރޭގައި ވެސް އެ ހަތަރު މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

comment ކޮމެންޓް