އެމްޑީޕީގެ ހަތަރު މެމްބަރަކު ޕާޓީގެ ވިޕްލައިނާ ހިލާފުވެއްޖެ

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް، ގާނޫނު އަސާސީ އަށް ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހު އެ ގޮތަށް ކޮމިޓީއަށް ބަލައިގަނެ ކޮމިޓީން ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ އެ ޕާޓީގެ ހަތަރު މެމްބަރަކު ހިލާފުވެވަޑައިގެންފި އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލް މަޖިލީހަސް ބަލައިގަނެ ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ބުދަ ދުވަހުގެ ރޭ ތްރީލައިން ވިޕެއް ނެރުނީ 41 މެންބަރުންގެ ވޯޓާ އެކު އެވެ.

ނަމަވެސް މަޖިލީހަށް ބިލު ބަލައިގަތުމަށް ރޭ ނެގި ވޯޓުގައި އެމްޑީޕީގެ ހަތަރު މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވަނީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އެވެ.

ގާނޫނު އަސާސީ އިސްލާހުކުރަން ތްރީލައިން ވިޕް ނެރުމާ ދެކޮޅަށް ވޯޓު ދެއްވި 10 މެންބަރުންގެ ތެރޭގައި ވެސް އެ ހަތަރު މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

އެމްޑީޕީ ހަތަރު މެމްބަރުންގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވެސް ރޭގެ ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ބިލު ބަލައިގަތުމާ ގުޅޭ ވޯޓުގައި ހަތަރު މެމްބަރުން ބައިވެރިވެވަޑައިގެންފައި ނުވާއިރު، ބިލާ ގުޅިގެން ތަޅުމުގައި ކުރިއަށް ދިޔަ ބަހުސްގައި ވެސް އެ ހަތަރު މެމްބަރުން ވަނީ ގާނޫނު އަސާސީ އިސްލާހުކުރުމާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަދައްކަވައިފަ އެވެ.

މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ސަރުކާރުން އަދި ޕާޓީއިން ބުނި ނަމަވެސް ގާނޫނުއަސާސީ އިސްލާހު ކުރަން ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޕާލިމެންޓްރީ ގުރޫޕުން ތްރީ ލައިން ވިޕެއް ނެރުމުގެ މާނައަކީ އެ ގުރޫޕުގައި ތިބޭ ހުރިހާ މެމްބަރުން ޖަލްސާއަށް ހާޒިރުވެ ޕީޖީ ގުރޫޕުން ނިންމާ ގޮތަކަށް ވޯޓު ދިނުމެވެ. މީގެ ކުރިން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރެފައިވާ ވިޕްލައިން ތަކާ ހިލާފުވި މެމްބަރުންނަށް އެމްޑީޕީއިން ފިޔަވަޅު އަޅާފައިވެ އެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކަށް ކުޑަކުރުމަށް މަޖިލީހުގައި ނެގި ވޯޓުގައި، އެމްޑީޕީން ކަނޑައެޅި ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވުމުން އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި، އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރެއްވި ރީކޯ މޫސަ ވަނީ ޕާޓީން ވަކިކޮށްފަ އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މަޖިލީހުގެ ހުރިހާ މެމްބަރުން ތަޅުމަށް ހާޒިރުވެއްޖެ ނަމަ 58 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ.

ކައުންސިލަރުންގެ ދައުރު ފެށޭ މަހުގެ ދެވަނަ ދުވަހަށް ހަމަވާނެ އެވެ. ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި މަޖިލީހުގެ ކައުސިލަޖެނެރަލްވެސް ވިދާޅުވެފައި ވަނީ ކައުންސިލުތަކުގެ ދައުރު ދިގު ދެންމޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށެވެ. އަދި ހަދާ ވަގުތީ ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދިގު ކުރުން ގާނޫނުއަސާސީއާ ހިލާފު ކަމަށްވެސް ވަނީ ލަފާ ދެއްވާފަ އެވެ.

އެހެން ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ގާނޫނީ ލަފާތަކާ މެދު ހިތް ބުރަ ކަމެއް އެބަ އޮތް ކަމަށެވެ.

comment ކޮމެންޓް