ރީކޯ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން ވަކިކޮށްފި

ރީކޯ މޫސާ ޕްރޮގުރާމެއްގައި ވާހަކަ ފުޅުދައްކަވަނީ---ސަން ފައިލް ފޮޓޯ/

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ދަފްތަރުން ވަކިކޮށްފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން މަޖިލިސް ރައީސް އަބްދުﷲ މަސީހް ވަނީ މޫސަ އެމްޑީޕީ އިން ވަކިކޮށްފައިވާކަން އިލެކްޝަނުން އަންގާފައިވާތީ މޫސަ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން ވަކިކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.

ޕާޓީގެ ވިޕްލައިނާ ހިލާފްވެފައިވާ ކަމަށް ބުނެ ރީކޯ އެމްޑީޕީން ވަކިކޮށްފައިވާ އިރު އޭނާ މިއަދު ވިދާޅުވީ 2005 އަކުން މިހާތަނަށް 13 އަހަރު ބުރަކޮށް އެމްޑީޕީގައި މަސައްކަތް ކުރި ކަމަށާއި އޭނާ ޕާޓީން ވަކިކުރީ އެއްވެސް ކުށެއްނެތި ކަމަށެވެ.

"މިއަދު މިއީ 8 ފެބްރުއަރީ، އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އެންމެ އަނިޔާ ލިބިގެން ދިޔަ ދުވަސް، އިއްތިފާގަކުން ވިޔަސް އެކަމަށް ފަސް އަހަރު ފުރުނު ދުވަސް، އެމްޑީޕީ މިހާރުގެ ލީޑާޝިޕުން ބޭނުންވެގެން އަޅުގަނޑުގެ އެއްވެސް ކުށެއް ނެތި އަޅުގަނޑު އެޕާޓީގެ ދަފްތަރުން ވަކިކުރި ދުވަހަށް ވެގެން މިވީ،" މޫސަ ވިދާޅުވި އެވެ.

އެމްޑީޕީން މަޖިލީހުގައި ޑިމޮކުރަސީގެ ވާހަކަ ދައްކާ ނަމަ އެކަނި ނަމަވެސް އެކަމަށް ރައްދު ދޭނެ ކަމަށް ރީކޯ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވާނީ އެމްޑީޕީގެ 21 މެމްބަރުންނެވެ. މޫސަ އިންނަވާނީ މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް