މުސާރަތައް ކުޑަކުރުމުން 2.9 މިލިއަން ރުފިޔާ ސަލާމަތްވޭ

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ރައީސް އޮފީސް

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އިންތިހާބީ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުންގެ މުސާރަތަކުން 20 ޕަސެންޓް ކުޑަކުރަން ފާސްކުރުމުން 2.92 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް މަޖިލީހުގެ ރިޕޯޓްގައި ބުނެފި އެވެ.

މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އިނާޔަތްތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އަދި އެއަށްވުރެ މަތިން މުސާރަ ކަނޑައެޅިފައިވާ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން މާޗު އަދި އޭޕްރީލް މަހަށްވާ އަސާސީ މުސާރައިން 20 ޕަސެންޓު އުނިކުރުމަށެވެ.

އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކާ ކޮމިޝަންތައް އަދި ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މުސާރަ ހިމެނެ އެވެ.

މުސާރަތަކުން 20 ޕަސެންޓު އުނިކުރުމާއެކު މަހެއްގެ މައްޗަށް 1.46 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. އަދި ދެ މަހު މުޅި ޖުމްލަ 2.92 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ.

ވިހި ޕަސެންޓު އުނިކުރުމުން މުސާރަތަކަށް އަންނާނެ ބަދަލަކީ؛

އެގްޒެކެޓިވް ބްރާންޗް:

  • ރައީސުލްޖުމްހޫރިއްޔާ: 100،000ރ. އިން 80،000ރ. އަށް.
  • ނައިބު ރައީސް: 75،000ރ. އިން 60،000ރ. އަށް.
  • ވަޒީރުން މުޅި ޖުމްލަ: 1.15 މިލިއަން ރުފިޔާ އިން 980،000ރ. އަށް.

*މަހަކަށް މަދުވާވަރު: 205،000 ރުފިޔާ

ރައްޔިތުންގެ މަޖިލިސް:

  • މަޖިލީހުގެ ރައީސް: 73،125ރ. އިން 62،500ރ. އަށް.
  • މަޖިލީހުގެ ނައިބު ރައީސް: 71،000ރ. އިން 60،800ރ. އަށް.
  • މަޖިލީހުގެ މެމްބަރުންގެ ޖުމްލަ: 7.01 މިލިއަން ރުފިޔާ އިން 6،290،000ރ. އަށް.

*މަހަކަށް މަދުވާވަރު: 743،325 ރުފިޔާ

ފަނޑިޔާރުން:

  • 3.01 މިލިއަން ރުފިޔާ އިން 2.62 މިލިއަން ރުފިޔާއަށް.

*މަހަކަށް މަދުވާވަރު: 392،300

މުސްތަގިއްލު މުއައްސަސާތަކުގެ މަގާމުތައް:

  • 328،000ރ. އިން 280،400ރ. އަށް

މަހަކަށް މަދުވާވަރު: 47،600

މިނިވަން މުއައްސަސާތައް:

  • ރައީސުން: 2700،00 އިން 234،000 ށް
  • ނައިބު ރައީސުން: 215،000 އިން 185،000 ށް
  • އިންޓެގްރިޓީ ކޮމިޝަންގެ ރައީސް: 45،000 ން 39،000 ށް

މަހަކަށް މަދުވާވަރު: 72،000

މުސާރަތައް ކުޑަކޮށްފައި ވަނީ ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވެސް ދަށްވެ، ދައުލަތުގެ އާމްދަނީއިން 6.9 ބިލިއަން ރުފިޔާ މަދުވާތީ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން މާދަމާ އިން ފެށިގެން އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރަން ނިންމާފައިވާއިރު، އެއް ބިލިއަން ރުފިޔާ ބަޖެޓުން ސަލާމަތް ކުރުމަށް ފިޔަވަޅުތައް އަޅަން ވަނީ ނިންމައިފަ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް ކުރަމުންދާ އަސަރުތަކާއެކު ރާއްޖޭގެ ޖީޑީޕީ މިއަހަރު މައިނަސް ފަސް ޕަސެންޓާ ހަމައަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް