މަޖިލީހަށް އަމިއްލަގޮތުން އިންތިޚާބުވި ޝާމިން ޕީއެންސީއަށް ސޮއިކޮށްފި

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކޮށް، ކުރެންދޫ ދާއިރާއަށް އިންތިޚާބުވި ޝާމިން ހަބީބު، ޕީއެންސީއަށް ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ ޕީއެންސީ

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކޮށް، ކުރެންދޫ ދާއިރާއަށް އިންތިޚާބުވި ޝާމިން ހަބީބު، ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް މިއަދު ސޮއިކޮށްފިއެވެ.

ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޝާމިން ޕީއެންސީއާ ގުޅުނުކަން އިއުލާނުކޮށްފައެވެ.

އެއާއެކު 20 ވަނަ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރުންގެ އަދަދު 74އަށް އަރާނެއެވެ.

މަޖިލިސް އިންތިޚާބުގައި ކުރެންދޫ ދާއިރާއަށް ހަތަރު ކެންޑިޑޭޓުން ވާދަކުރިއެވެ. އެއީ، ޕީއެންސީގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގާއި، އެމްޑީޕީގެ ފަރާތުން މިހާރު ހުޅުމާލެ ދާއިރާގެ މެންބަރުކަން ކުރައްވާ އަލީ ނިޔާޒްއެވެ. އަދި އަމިއްލަ ގޮތުން ޝާމިންގެ އިތުރުން މިހާރު ކުރެންދޫ ދާއިރާގެ މެންބަރުކަން ކުރައްވާ އަބްދުލްޣަނީ އަބްދުލް ހަކީމް ވެސް ވާދަކުރެއްވިއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކޮށް، ކުރެންދޫ ދާއިރާއަށް އިންތިޚާބުވި ޝާމިން ހަބީބު، ޕީއެންސީއަށް ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ ޕީއެންސީ

ޝާމިންގެ ކުރިން ވެސް އަމިއްލަގޮތުން ވާދަކުރެއްވި ހަތް މެންބަރަކު ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ. އެއީ:

  • ޑރ. އަނާރާ ނައީމް - ހުރާ ދާއިރާ
  • ޔާސީން އަބްދުﷲ - ނައިފަރު ދާއިރާ
  • އާޒިމް އަބްދުލްއަޒީޒް - ވިލިނގިލި ދާއިރާ
  • ހަސަން ޒަރީރު - މަތިވެރި ދާއިރާ
  • އަހުމަދު ޒަމީރު - މައްޗަންގޯޅި މެދު ދާއިރާ
  • މުހައްމަދު ރަޝީދު - ނޮޅިވަރަމް ދާއިރާ

އަމިއްލަގޮތުން އިންތިޚާބުވި މެންބަރުންތަކެއް ޕީއެންސީއަށް ސޮއިކޮށްފައިވާއިރު، އަމިއްލަގޮތުން ހޮވޭ މެންބަރުން ދައުރުގެ ތެރޭގައި ޕާޓީއަކަށް ސޮއިކޮށްފި ނަމަ މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށް ބުނެ އެމްޑީޕީގެ މެޖޯރިޓީން އޮތީ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައެވެ. އެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ވެސް ކުރައްވައިފައެވެ.

އެކަމަކު، އަމިއްލަގޮތުން ވާދަކުރައްވާ މެންބަރުން ދައުރުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފިނަމަ، ވާނެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ.

ގޮނޑި ގެއްލޭ އިސްލާހު ގާނޫނުއަސާސީގައި ވެސް ހިމަނަން މިހާރު މަޖިލީހުގައި ބިލެއް އެބައޮތެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ގައެވެ.

comment ކޮމެންޓް