ނިމިދިޔަ ވިހި ވަނަ ރައްޔިތުންގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހެޅީ 35 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިރޭ ބުނެފިއެވެ.
މިކަމާ ގުޅިގެން އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ "ސަން"އަށް ވިދާޅުވީ، ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަނާޅައިފިނަމަ، ގާނޫނުގައި ބުނާ ގޮތަށް އެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާނެ ކަމަށެވެ.
މިގޮތުން، އޭނާ ވިދާޅުވީ، އެ މެންބަރުންނަށް ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް އަންނާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

މަޖިލީސް އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް
"މާލީ ބަޔާން ހުށަނާޅައިފިނަމަ، ގާނޫނުގަ އޮންނަނީ ޖަލު ހުކުމެއް ނޫނީ ޖޫރިމަނާ ކޮންމެސް އެކައްޗެއް އަންނާނެ. އެ ދެން ޕީޖީން ނިންމާ ގޮތަކަށް އެކަން ކުރިއަށް ދާނީ" ޒަކަރިއްޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިދިޔަ ބުރާސްފަތީގެ ނިޔަލަށް 35 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށާއި 333 ކެންޑިޑޭޓުންގެ މާލީ ބަޔާން އަދި ހުޅަހަޅާފައިނުވާ ކަމަށެވެ.
މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތު އީސީން ހުޅުވާލާފަ އޮތީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.
މި ކަމާއި ގުޅިގެން އީސީގެ ކުރީގެ ނައިބު ރައީސް އިސްމާޢިލް ހަބީބް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބު ވިޔަސް ނުވަތަ ނުވިޔަސް، އަންނަ ބުދަ ދުވަހުގެ ކުރިން އީސީއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މިގޮތުން، ބޭންކް ސްޓޭޓްމަންޓުގައި ހުރި ހުރިހާ މަޢާމަލާތަކާ ގުޅޭ ހުރިހާ ބިލެއް މާލީ ބަޔާނާ އެއްކޮށް ހުށަހަޅަން ޖެހޭ ކަމަށާއި ކުރެވިފައިވާ ކޮންމެ މުޢާމަލާތަކާ ގުޅިގެން ބިލެއް އޮންނަން ޖެހޭ ކަމަށް ހަބީބް ވިދާޅުވިއެވެ.
އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، 77 ގޮނޑިއާއެކު ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ކާމިޔާބުކޮށްފައެވެ.