ދެހާސްބާރަ، ފެބްރުއަރީ ހަތެއްގައި ވެރިކަން ވެއްޓުނު އިރު، ސިފައިންނާއި ފުލުހުން ދެއްކި ނުކިޔަމަންތެރިކަން ބަލަންޖެހޭކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޔޫތް ކޮންގްރެސްގެ ތެރެއިން ބޭއްވި ސެޝަންއެއްގައި، ހަތެއް ފެބްރުއަރީގައި ހިނގައިދިޔަ ހާދިސާ އަލުން ތަހުގީގުކުރަން ޖެހޭތޯ ޒުވާނަކު ސުވާލު ކުރުމުން އޭރު ވެރިކަމުގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، އެދުވަހު ހިނގައިދިޔައީ ނުކިޔަމަންތެރިކަން ދެއްކުމުގެ އަމަލެއް ކަމަށެވެ.
"ޕޮލިސް މިޔުޓިނީ އެއް. ސިފައިންގެ މިޔުޓިނީ އެއް. ސަލަމަތީ ބާރުތައް މިޔުޓިނިއަސް ހާލަތުގައި ބައިތިއްބުން. އެއީ ގޯހެއް، ނުރައްކަލެއް،" އެދުވަހު ހިނަގއިދިޔައީ ބަޣާވާތެއްކަމަށް ވިދާޅުނުވާ ކަމަށްވިދާޅުވެ، ނަޝީދު ވިދާޅުވީ އެއީ ނުކިޔަމަންތެރިކަން ދެއްކުމުގެ އަމަލެއް ކަމަށެވެ.
"އިންސަބްއޯޑިނޭޝަން. އަމުރަށް ނުކިޔަމަންތެރިވުން. ލައިން އޮފް ކޮމާންޑް ގެއްލުން. އެއީ ދައުލަތަކަށް އަސްލު ހަގީގަތުގައި ރަނގަޅެއް ވާނެ ކަމެއް ނޫން. އަޅުގަނޑަށް ފެންނަގޮތުގައި އެ މިޔުޓިނީ ބަލަންޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ހަތެއް ފެބްރުއަރީ އާއި ގުޅޭގޮތުން އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފެބްރުއަރީ ހަތެއްގެ ވާހަކަ އަލުން ދެއްކުމަކީ މަސްލަހަތު ގެއްލޭނެ ކަމެއް ކަމަށެވެ.
އެކަމަށް ރައްދު ދެއްވާ ނަޝީދު ވިދާޅުވީ އެ ހާދިސާ ތަހުގީގު ކުރުމަކީ މަސްލަހަތާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.
ފެބުރުއަރީ ހަތެއް 2012 ވަނަ ދުވަހު މާލޭގައި ހިނގާ ދިޔަ ހަމަ ނުޖެހުންތަކުގައި ފުލުހުންނާއި ސިފައިންގެ ކުރިމަތިލުމެއްވެސް ދިޔަ އެވެ. އޭރު ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު އެވެ. މަގާމުން އިސްތިއުފާ ދެއްވީ އެ ހަމަ ނުޖެހުންތަކާއި ގުޅިގެންނެވެ. އޭރު އެމްޑީޕީއިންވެސް އަދި އެމަނިކުފާނުވެސް ވިދާޅުވީ ސިފައިންނާއި ފުލުހުން ގުޅިގެން ގެންނެވީ ބަޣާވާތެއް ކަމަށެވެ.