ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވަން މެދުވެރިވި، ފެބުރުއަރީ 7، 2012 ގައި ހިނގި ހަމަނުޖެހުންތަކުގެ ވާހަކަ މިހާރު ދައްކަން ވެއްޖެ ނަމަ ގައުމުގެ މަސްލަހަތު ގެއްލިދާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ފެބުރުއަރީ 7 ފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އަޅުއްވާ ފިޔަވަޅުތަކަކީ ކޮބައިތޯ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު މިނިސްޓަރު އިމްރާންއާ ތަޅުމުގައި ކުރި ސުވާލާ ގުޅިގެން މެންބަރުން އަމާޒުކުރެެއްވި ސުވާލުތަކަކާ ގުޅިގެން އިމްރާން ވިދާޅުވީ، މިއީ ގައުމު އެކުވެރިވާންވީ ވަގުތު ކަމަށާއި މިއީ ކުރީގެ ވާހަކަތައް ނަގައިގެން ދައްކަން ވީ ވަގުތެއް ނޫން ކަމަށެވެ. އަދި ފެބުރުއަރީ 7 ގައި ހިނގި ކަންތައްތަކުގެ ސޮފްހާ އަލުން ހުޅުވައިގެން އެ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި އެ ދުވަހު އެކި ކޮޅުކޮޅުގައި ތިބި ފަރާތްތައް މިއަދު ތިބީ އެހެން ގޮތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެވާހަކަތައް ދައްކައިގެން މިއަދު ގައުމަށް ލިބޭނެ ހެވެއް ނެތް ކަމަށާއި އޭގެ ބަދަލުގައި ގައުމުގެ މަސްލަހަތު ގެއްލި ސުލްހަ މަސަލަސްކަމަށް ބުރޫ އަރާފާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އާދެ! މިއަދު ވަނީ ގައުމު އެއްބައިވަންތަ ކުރަން ޖެހިފައި. އެކުވެރި ކުރަން ޖެހިފައި. އެ ދުވަހުގެ [ފެބުރުއަރީ 7] ގެ ފަސް ބައި ނަގައި ކޮނެ ހަދައި، އަޅުގަނޑުމެންގެ ގައުމަށް ގެއްލުން ލިބިދާނެ ގޮތަކަށް ކަންކަން ބައްޓަންވެގެން ދިޔުމަކީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ބޭނުންވާނެ ކަމެއް އަދި ރުހޭނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
ފެބުރުއަރީ ހަތެއްގައި ފުލުހުން ދެއްކި ނުކިޔަމަންތެރިކަމުގެ ސަބަބުން ހިނގި ހަމަނުޖެހުންތަކުގައި އޭރުގެ ރައީސް، އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވަން ޖެހުނީ އިމްރާން ވެސް އިސްވެ ހުންނަވައިގެން އޭރު އިދިކޮޅު ފަރާތްތަކުން ކުރި ސިލްސިލާ މުޒާހަރާތަކަށް ފަހު އެވެ.
އިމްރާން އިތުރަށް ވިދާޅުވީ، ބޭރުގެ މާހިރުން ވެސް ހިމެނޭ ހާއްސަ ކޮމިޝަނަކުން އެ މައްސަލަ އޮތީ މީގެ ކުރިން ތަހުގީގުކޮށް ގޮތްތަކެއް ނިންމައިފަ އެވެ. އަދި އެކަންކަން އިތުރަށް ބަލަން ބޭނުން ނަމަ، އޮންނަ އުސޫލުގެ ތެރެއިން ކަމާ ގުޅުން ހުރި މުއައްސަސާތަކަށް އެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ދެކޭ ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އިމްރާންއާ ސުވާލުކުރެއްވީ، ފެބުރުއަރީ ހަތެއްގައި ހިނގި ހަމަނުޖެހުންތަކުގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ މައްސަލަ ބަލައި ފިޔަވަޅެއް އަޅާފައިވޭތޯ އެވެ.
އެކަމާ ގުޅިގެން އިމްރާން ވިދާޅުވީ، އޭރު ފުލުހުންގެ ތެރޭގައި ތިބި ވެރިން އެކަށީގެންވާ މިންވަރަކަށް އެކަން ބަލައި އެކަމުގައި ބައިވެރިވި ފުލުހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން ބައެއް ފުލުހުން ވަކިކޮށް އަނެއްބައި ފުލުހުން ތިބި މަގާމުތަކުން ދަށް މަގާމުތަކަށް ބަދަލުކޮށް އަދި ޑިޕާޓްމަންޓްތައް ބަދަލުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ކޯނީ ރިޕޯޓާ ގުޅިގެން އެ ދުވަސްވަރުގައި [ފުލުހުގައި] އެ ތިއްބެވި ބޭފުޅުން އޭރުގެ ހާލަތާ ބަލާފައި އެކަންކަން ތަހުގީގުކޮށް ބައެއް ބޭބޭފުޅުންނަށް ފިޔަވަޅު އަޅާފައި އެބަހުރި. އެންމެ ރަނގަޅަށޭ ދަންނަވަން ނުކެރުނަސް އެކަށީގެންވާ ފިޔަވަޅު އަޅާފައިވާ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ފުލުހުންގެ މުއައްސަސާ ބަދަލުވެފައި މިވަނީ އަޅުގަނޑުމެން އުންމީދުކުރާ ފަދަ، ކުރިއެރުން ލިބެމުން އަންނަ މުއައްސަސާއަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ފެބުރުއަރީ 7 ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ފުލުހުންގެ ޓްރެއިނިންތަކަށް ބަދަލު ގެނެސްފައިވާކަން މިނިސްޓަރު މިއަދު ހާމަކުރެއްވި އެވެ. އެގޮތުން ހައްސާސީ ވަގުތުތަކުގައި ފުލުހުންގެ ޗެއިން އޮފް ކޮމާންޑަށް އަމަލު ކުރުމާއި ކޮމާންޑަށް ކިޔަމަންތެރިވުމުގެ މުހިންމުކަން މިހާރު ޓްރެއިން ކުރާ ފުލުހުންނަށް ބުނެދެމުންދާ ކަމަށެވެ. އަދި މީގެ ކުރިން ޕަބްލިކް އޯޑާ ޓްރެއިނިންތައް ދެނީ ފުލުހުންގެ ވަކި ބަޔަކަށް ނަމަވެސް، މިހާރު ހުރިހާ ފުލުހުންނަށް ވެސް އެ ޓްރެއިނިންތައް ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮމަންވެލްތްގެ ހާއްސަ އެކްސްޕާޓެއް ގެނެސް އެކަންކަން މިހާރު ވަނީ ފުލުހުންގެ ޓްރެއިނިންގެ ތެރެއަށް އިތުރު ކުރެވިފައި. އަލަށް ޓްރެއިން ކުރާ ފުލުހުންނަށް އެކަންކަން އަންނަނީ ބުނެދެމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ ތެރޭގައި ރައްޔިތުންނާ މެދު އޯގާތެރި ވުމާއި ރީއްޗަށް މުއާމަލާތް ކުރުމާއި އިންސާނީ ހައްގުތައް ނުގެއްލޭ ގޮތަށް އަމަލު ކުރުމުގެ ރޫހު އާލާކުރުމަށް އިސްކަން ދެމުން އަންނަ ކަމަށެވެ.