ޖީ20 ސަމިޓްގައި އެމެރިކާއަށް ބޮޑެތި ފާޑުކިޔުންތަކެއް

އޮސާކާ (ޖޫން 29): ޖަޕާންގެ އޮސާކާގައި އިއްޔެ ފެށި ޖީ20ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ޗައިނާއާއި ރަޝިއާގެ ރައީސުން އެމެރިކާގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމެރިކާއަށް އެތެރެކުރާ އެހެން ގައުމުތަކުގެ މުދަލާ ދެކޮޅަށް އެމެރިކާ އަޅަމުންދާ ޓެރިފްގެ ފިޔަވަޅުތަށް ކުށްވެރިކުރައްވަމުން ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ވިދާޅުވީ އެކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ހަލާކުވެ ބައިނަލްއަގްވާމީ ވިޔަފާރި ހީނަރުވަމުންދާ ކަމުގައެވެ. އަދި އެމެރިކާގެ ފިޔަވަޅުތަކަށް ވަރަށް ކެރިގެން ޗައިނާއާއި އެހެން ގައުމުތައް ކުރިމަތިލާނެކަމަށާ އެމެރިކާގެ ފިޔަވަޅުތަކުގެ ޝިކާރައަކަށް ލަސްތަކެއް ނުވެ އެމެރިކާވެސް ވާނެކަމުގެ އިންޒާރުވެސް ޝީ ޖިން ޕިންގް ދެއްވިއެވެ.

އެހެން ގައުމުތަކުގެ މުދަލާ ދެކޮޅަށް އެމެރިކާ އަޅަމުންދާ ޓެރިފްގެ ފިޔަވަޅުތަކަކީ އިގްތިސާދީ ގޮތުން އެމެރިކާ ބަލިކަށިވަމުން ދާތީ ބާރު ދެމެހެއްޓުމުގެ ގޮތުން އެމެރިކާއިން އަޅާ މާޔޫސީ ފިޔަވަޅުތަކެއް ކަމަށް އޮބްޒާވަރުން ދެކޭއިރު ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ވަނީ އެމެރިކާއިން ގައުމުތަކާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދި އެމެރިކާ ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް މާލީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާތީ އެމެރިކާ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާތަކުން ބައިނަލްއަގްވާމީ ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްގެންދާކަމުގެ އިންޒާރުވެސް ޗައިނާއާއި ރަޝިއާއާއި ތުރުކީގެ ރައީސުން ޓްރަމްޕަށް ނުސީދާ ގޮތެއްގައި ދެއްވިއެވެ.

އެމެރިކާއަށް އެތެރެކުރާ އެހެން ގައުމުތަކުގެ މުދަލާ ދެކޮޅަށް އެމެރިކާ އަޅަމުންދާ ޓެރިފްގެ ފިޔަވަޅުތަކާ ގުޅިގެން އެމެރިކާއަށް ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާތައް ރައްދުކުރެއްވި ލީޑަރުންގެ ތެޜޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި ޖަރުމަނުގެ ޗާނަސެލާ އެންގެލާ މާކަލްއާއި ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން އަދި ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ ހިމެނެއެވެ.

ޖަޕާންގެ އޮސާކާގައި އިއްޔެ ފެށި ޖީ20ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ޗައިނާގެ ފަރާތުން އެމެރިކާއަށް ކުރިމަތިވި އިންޒާރުތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއަށް އެތެރެކުރާ ޗައިނާގެ އުފެއްދުންތަކުން އިތުރު ޓެރިފް ނެގުމުގެ ކަންތައް މަޑުޖައްސާލާނެ ކަމަށް ވިދާޅުވެފައެވެ.

ޖީ20ގެ ސަމިޓްގެ އަރިމަތީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ވަނީ ޗައިނާގެ ރައީސް ޝީޖިންޕިންއާއި ރަޝިއާގެ ރައީސް ވްލަޑީމީރު ޕޫޓިންއާއި އިންޑިއާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީއާއި ޖަޕާންގެ ބޮޑުވަޒީރު ޝިންޒޫ އަބޭ އާ ވަކިވަކިން ބައްދަލުކުރައްވާފައެވެ.

ޖީ20ގެ ގައުމުތަކަކީ ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ވިހި ގައުމު ހިމެނޭ ގްރޫޕެވެ. އެ ގްރޫޕްގައި ހިމެނޭ ކޮންމެ ގައުމަކީވެސް އެއް ޓްރިލިއަން ޑޮލަރަށްވުރެ ގައުމީ އާމްދަނީ ބޮޑު ގައުމުތަކެވެ. 20ގެ އިސް ސަފުގައި އުޅޭ ދެގައުމަކީ ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދު ކަމަށްވާ އެމެރިކާއާއި ޗައިނާއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް