ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ޗައިނާގެ މީހަކު ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން އިއްޔެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ހައްޔަރުކޮށްފައިވަނީ ޗައިނާގެ 33 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މައްޗަށް މަސްތުވާތަކެތި އެތެރެކުރުމުގެ އިތުރުން އެ ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރި ކުރި ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.
އެ މައްސަލައިގައި ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާ ކަމަށް އަމުރުގައިވެއެވެ. އެގޮތުން އޭނާ ރާއްޖެއިން ބޭރުން ގެނައި ފޮށިގަނޑެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ކަމަށް ވަގުތީ ނަތީޖާއިން ދައްކާފައިވާ ކަމަށް، ކޯޓަށް ހުށަހަޅައިފައިވާ ބަޔާންތަކުން އެނގޭ ކަމަށް ބަންދު އަމުރުގައިވެއެވެ.
އެހެންވެ، ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެންނަ ކަމަށް އަމުރުގައިވެއެވެ.
އެ ސަބަބަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް އޭނާ ބަންދުކުުރުމަށް އަމުރުކޮށްފައެވެ.
އެ މީހާ ހައްޔަރުކުރި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ފުލުހުންގެ ފަރާތުން ލިބިފައިނުވެއެވެ.
ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ބިދޭސީން ހައްޔަރުކޮށްފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މަސްތުވާތަކެތީގެ 1،674 މައްސަލައެއް ހުށަހަޅައިފައިވާއިރު މި އަހަރުގެ މިހާތަނަށް 199 މައްސަލަ ހުށަހަޅާފައިވެއެވެ.