ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ އިދާރާ (އީޕީއޭ) އާއި ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ، ޗައިނީސް އެކަޑަމީ އޮފް ސައިންސަސް އާ ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ދިރާސާތަކުގައި ޓެކްނޮލޮޖީގެ ރޮނގުން އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން މިކަމާ ގުޅޭ ގޮތުން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއްކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ހިންގާނެ ޚާއްސަ މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ ތަފުސީލު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި އެއްބަސްވުމަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަން ވަނީ ފާހަގަކޮށްފައެވެ.