ނޫސްވެރިންގެ ކަރަށް ބާރުކޮށް ގާނޫނު ނުހަދާނަން: ރައީސް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ: މި ސަރުކާރުން ނޫސްވެރިންގެ ކަރަށް ބާރުކޮށް ގާނޫނުތައް ނުހަދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ނޫސްވެރިންނަށް ދަތިކޮށް އެ މީހުންގެ ކަރަށް ބާރުވާނެ ފަދަ އެއްވެސް ގާނޫނެއް މި ސަރުކާރުން ނުހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުނިޔާގެ ނޫސްވެރިކަމުގެ ދުވަހުގެ މުނާސްބަތުގައި ރައީސް ސޯލިހު ނެރުއްވި ހިތާބެއްގައި ވިދާޅުވީ، ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ގާއިމުކުރުމަށް ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ވޯލްށް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިހާރު ވަނީ 120 ވަނަ އިން 98 ވަނައަށް ކުރިއަށް ޖެހިލާފައި ކަން ފާހަގަ ކުރެއްވި އެވެ.

"ދިވެހި އެންމެހައި ނޫސްވެރިންނަށާއި، ލޮބުވެތި ރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ޔަޤީންކޮށް އަރުވާނީ، ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، މި ސަރުކާރުން ނޫސްވެރިޔާ ހިފައި ހައްޔަރު ނުކުރާނެ ކަމެވެ. ނޫސްވެރިންގެ ކަރަށް ބާރުކުރުމަށް، ޤާނޫނުތައް ނުހަދާނެ ކަމެވެ،" ރައީސްގެ ހިތާބުގައި ވެއެވެ.

މީގެ ކުރިން ރާއްޖޭގައި އޮތް ސަގާފަތަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ލަގަން ސަރުކާރުގެ މުށުތެރޭގައި ބޭއްވުންކަން ފާހަގަކޮށް ރައީސްގެ ހިތާބުގައި ވިދާޅުވީ މި ސަރުކާރު ފެށުނުއިރުވެސް، ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ، އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ ޤާނޫނު ގެ ވަކިތަކުން ހިފަހައްޓައި، ކަސްތޮޅު އަޅުވާފައި ކަމަށެވެ.

"ނަމަވެސް ހަގީގަތަކީ، އެކަން އެގޮތަށް ކުރުމުން، ރާއްޖެއަށް ލިބުނު މޮޅެއް، އަދި ސަރުކާރަށް ލިބުނު ފައިދާއެއް ނެތް ކަމެވެ،" ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

"ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމުގެ ދޮރު ބަންދުކުރުމުން، މުޅި ދައުލަތް ހިންގުމުގެ ނިޒާމު ބޮއްސުންލައި، ކޮރަޕްޝަނާއި ފަސާދަ ޢާންމުވިއެވެ. ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަން ކުރުމާއި ޚިޔާނާތްތެރިވުން އިންތިހާއަށް އިތުރުވެގެންދިޔައެވެ. ނަތީޖާއަކަށްވީ، ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަހަރުން އަހަރަށް ދަށަށް ގޮސް، މިދިޔަ 2018 ވަނަ އަހަރު ނިމުނުއިރު، އެ އިންޑެކްސްގެ 120 ވަނައަށް ރާއްޖެ ވެއްޓުމެވެ،"

ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަ ތަސްދީގުކުރި ބިލަކީ އަބުރުގެ ގާނޫނު އުވާލުމުގެ ބިލުކަން، ރައީސް ފާހަގަ ކުރެއްވި އެވެ. އެ ގާނޫނު އުވާލައި، ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން، މި ސަރުކާރުން އަނބުރައި ހޯދައިދިނީ، މިނިވަން ނޫސްވެރިކަމުގެ ޒަރިއްޔާއިން ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމުގެ ބޭނުމުގައި، ވައްކަމާއި ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިން، ދައުލަތުގެ މުއައްސަސާތައް ސަލާމަތްކުރުމުގެ މަގްސަދުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ، މިހާރަށްވުރެވެސް މިނިވަން ވެށްޓެއްގައި ނޫސްވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުމަށްކަން ފާހަގަކޮށް ހިތާބުގައި ވަނީ، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން ފިޔަވަޅު އަޅާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމުގެ ގޮތުން، ސަރުކާރުގެ އެންމެހައި ކަންކަން ހިނގަމުންދާނީ، ވީހާވެސް ދެފުށް ފެންނަ ގޮތަކަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ހިނގަމުންދާގޮތް، ނޫސްވެރިންނަށް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށެވެ.

މިނިވަންކަމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ، ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި، އިހާނެތި ގޮތަކަށް މަރާލާފައިވާ، ބްލޮގަރު ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ހޯދައިދިނުން ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. އެކަމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ހުއްޓުމެއްނެތި، ކުރިއަށްދާނެ ކަމަށް ރައީސް ވަނީ ހިތޯބުގައި ވައުދުވެ ވަޑައިގެންފަ އެވެ.

"ހިޔާލު ފާޅުކުރުމާއި މަޢުލޫމާތު ފެތުރުމަކީ ޙައްޤަކަށްވާ ފަދައިން، އެ ޙައްޤާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްވެސް ހުރިކަން ހަނދާން ކުރަންޖެހެއެވެ. އެއީ ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމާއި، ތެދު މަޢުލޫމާތު ފެތުރުމެވެ. އެ ޒިންމާއަށް އިހުމާލުވެއްޖެނަމަ، މުޖްތަމަޢުގައި ފިތުނަ ފަސާދަ އުފެދި، ޑިމޮކްރެސީއަށް ހީނަރުކަން އާދެއެވެ،" ރައީސްގެ ހިތާބުގައިވެ އެވެ.

comment ކޮމެންޓް