ދެ ކެންޑިޑޭޓަކަށް ތާއީދުކޮށް، އަދާލަތާ ގުޅިގެން މަސައްކަތް ކުރަން އެމްޑީޕީން ނިންމައިފި

އެމްޑީޕީގެ ރައީސް ނަޝީދާއި އަދާލަތު ޕާޓިގެ ރައީސް ޝެއިހް އިމްރާން: ދެ ޕާޓީން މަޖިލިސް އިންތިހާޞުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް ވަނީ ނިންމާފައި -- ފައިލް ފޮޓޯ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އިން ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ދެ ކެންޑިޑޭޓަކަށް ތާއީދުކޮށް ދެ ޕާޓީން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައިސް ޝެއިޚް އިމްރާން އަބްދުﷲ އާ ދެބޭފުޅުން މިދިޔަ މަހުގެ 16 ވަނަ ދުވަހުވެސް މަޝްވަރާ ކުރެއްވިއެވެ. އެ ބައްދަލުވުންތަކަށް ފަހު، އޭރު އެމްޑީޕީން ބުނީ، އަދާލަތު ޕާޓީއާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށާއި ވަރަށް އަވަހަށް ދެ ޕާޓީގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.

މިއަދު އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ކެމްޕެއިންގައި އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް އަދާލަތު ޕާޓިން ނިންމާފައިވާ ކަމަށާއި އެކަމަށްޓަކައި އަދާލަތު ޕާޓީއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

https://sun.mv/115572

އެގޮތުން، އެމްޑީޕީން މަހިނބަދޫ ދާއިރާ އަށާއި ނިލަންދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުންޏެވެ.

"ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި ބަރުލަމާނީ ވައުދުނާމާ "އެޖެންޑާ 19" އަށް އަދާލަތު ޕާޓީއިން ތާއީދުކުރުމަށް ނިންމަވާފައިވާތީ އެމްޑީޕީން މަރުހަބާ ކިޔަން،" އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ.

"އދ. މަހިބަދޫ ދާއިރާގެ އިތުރުން ނިލަންދޫ ދާއިރާއަށް ޢަދާލަތު ޕާޓީއިން ކަނޑައަޅާފައިވާ ކެންޑިޑޭޓުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ތާއީދުކޮށް އެ ގޮނޑިތައް ކާމިޔާބުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައި،"

އަދާލަތު ޕާޓީއަކީ ނިމިދިޔަ ސަރުކާރުގެ "އަނިޔާވެރިކަމާއި ހިންގާފައިވާ ހިޔާނާތާއި ވައްކަމާ ދެކޮޅަށް" އެމްޑީޕީއާއެކު ފެށި މަސައްކަތުގައި މިހާތަނަށްވެސް އެކުގައި ސިޔާސީ މަސައްކަތްކުރަމުން އަންނަ ސިޔާސީ ޕާޓީއެއް ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެމްޑީޕީން އަދާލަތު ޕާޓީއާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާކަން އިއުލާން ކުރައްވާ ބަޔާން ނެރުއްވާފައިވާ އިރު، މިކަމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މިއަދު އެމްޑީޕީން މަޖިލިސް އިންތިހާބާ ގުޅޭގޮތުން ސިލްސިލާކޮށް ކޮންމެ ދުވަހަކު އެޕާޓީ ކެމްޕެއިން އޮޮފީސްގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަދި މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ މިރޭ ބިލަބޮންގް ސްކޫލްގައި އޮންނަ އެމްޑީޕީ މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ޖަލްސާގައި އެމްޑީޕީގެ "އެޖެންޑާ19" އާ މެދު ޝޭހް އިމްރާން ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރައްވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީން މަހިނބަދޫ ދާއިރާ އަށް ވާދަ ކުރައްވާ އަދާލަތު ޕާޓިގެ ކެންޑިޑޭޓަށް ތާއީދު ކުރެއްވުމަށް ނިންމެވުމުން އެމްޑީޕީ ޓިކެޓްގައި އެ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑެޓް އަލީ އަހްމަދު (ކަރިޝް) މިއަދު ވަނީ އެ ދާއިރާއަށް ވާދަނުކުރުމަށް ނިންމައި ނަން ނަގާފައެވެ. ނިލަންދޫ ދާއިރާ އަކީ އެމްޑީޕީން މިފަހަރު ކުރިމަތި ނުލާ ދާއިރާއެކެވެ.

އެމްޑީޕީން މަހިބަދޫ ދާއިރާ އަދާލަތު ޕާޓީ އަށް ދޫކޮށްލުމުން އެ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާނީ 85 ދާއިރާއަކަށެވެ. އަދާލަތު ޕާޓީގެ ފަރާތުން ވާދަ ކުރާނީ އަށް ދާއިރާއަކަށެވެ.

މަޖިލިސް އިންތިހާބުގައި ބައެއް ދާއިރާތަކަށް ގުޅިގެން ވާދަކުރެއްވުމަށް އެމްޑީޕީއާއި އަދާލަތު ޕާޓީއާ ދެމެދުގައި ޖެނުއަރީ މަސް ތެރޭގައި ވެސް މަޝްވަރާ ކުރެވުނެވެ. ނަމަވެސް އެމްޑީޕީ ގައުމީ މަޖިލިސް އިން އެގޮތަށް އޭރު އެއްބަަސް ނުވުމުން ދެ ޕާޓީ މެދުގައި އެއްބަސްވުމަކަށް ނާދެވުނެވެ.

https://sun.mv/116868

comment ކޮމެންޓް