މަހިބަދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ ނަން ނަގައިފި

މަހިބަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލުމަށް ނިންމައި ނަން ނެގި އަލީ އަހްމަދުގެ ކެމްޕއިން ޕޯސްޓަރެއް ----

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ އަލީ އަހްމަދު (ކަރިޝް) އިންތިހާބުގައި ވާދަނުކުރަން ނިންމައި ނަން އަނބުރާ ނަގައިފި އެވެ.

އަލީ އަހްމަދުގެ ނަން އަނބުރާ ނެގި ކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ވަނީ 'ސަން' އަށް ކަށަވަރު ކޮށްދީފަ އެވެ. އަދި އީސީ އިން ވަނީ އަލީ އަހްމަދުގެ ނަން ނެގި ކަމުގެ ސިޓީ ވެސް އޭނާއަށް ފޮނުވައިފަ އެވެ.

އެއް ކެންޑިޑޭޓަކު ކުރިމަތިލުމުން ޕްރައިމަރީ އަކާ ނުލައި އެމްޑީޕީގެ މަހިބަދޫ ދާއިރާގެ ޓިިކެޓް ލިބުނު އަލީ އަހަމްދު ވިދާޅުވީ، އޭނާގެ ނަން އަނބުރާ ނެގީ އެމްޑީޕީ އާއި އަދާލަތު ޕާޓީއާ ދެމެދު ކުރި މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.

"ލީޑާޝިޕްގެ އެދުމުގެ މަތިން ނަން ނެގީ. ދެން އެމްޑީޕީން ތާއިދު ކުރާނީ އަދާލަތު ޕާޓީގެ ކެންޑިޑޭޓަށް،" އަލީ އަހްމަދު ވިދާޅުވި އެވެ.

އޭޕްރީލް ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބްގައި އެމްޑީޕީން ބަނީ 86 ދާއިރާއަށް ކުރިމަތިލުމަށް ނިންމާފަ އެވެ. ނަމަވެސް ފަހުން ވަނީ ބައެއް ގޮނޑިތައް އަދާލަތު ޕާޓީއަށް ދޫކުރުމަށް ދެ ޕާޓީގެ އިސް ވެރިން މަޝްވަރާ ކޮށްފަ އެވެ.

comment ކޮމެންޓް