ވޯޓު ކަރުދާހުގައި ކުރަހައި ނުވަތަ ލިޔެފިނަމަ އެ ވޯޓު ކަރުދާސް ބާތިލުވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފިނަމަ ދަތިތަކާ ކުރިމަތިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ވޯޓު ކަރުދާހުގައި ކުރަހައި ނުވަތަ ލިޔެފިނަމަ އެ ވޯޓު ކަރުދާސް ބާތިލުވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅީ އިދިކޮޅު މައި ޕާޓީ ޕީޕީއެމުންނެވެ. މީގެ ކުރިން ވޯޓު ކަރުދާހުގައި ނުކުރެހޭ ގޮތަށް އޮތް އޮތުން ކުރެހޭ ގޮތަށް ބަދަލުކުރީވެސް ޕީޕީއެމުން ހުށަހަޅައިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބަހަށް ކުޑަތަންވެފައި ވަނިކޮށް އިންތިހާބާ ބެހޭ އާންމު ގާނޫނަށް ގެނައި އެ އިސްލާހުގެ ސަބަބުން ގިނަ ވޯޓުތަކެއް ބާތިލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"މިކަމަކީ ވަރަށް ރަނގަޅު ކަމެއް. އެކަމަކު މިވަގުތު އެ ގާނޫނަށް އިސްލާހު ގެނައުމުގެ ސަބަބުން އެކަމަށް ރައްޔިތުން އަހުލުވެރި ކުރުވަން ދަތިތަކެއް އެބަހުރި. ރައްޔިތުންގެ މަޖިލިސް އިންތިހާބަށް މިއޮތީ ކުޑަތަންވެފައި. ރައްޔިތުން އަހުލުވެރިކުރުވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް،" އަކްރަމް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބަށް ރައްޔިތުން އަހުލުވެރި ކުރުވުމަށް އަތޮޅުތަކާއި މާލޭގައި ގިނަ ޕްރޮގްރާމުތަކެއް ހިންގަން ފަށާފައެވެ. އެކަން ކުރަމުން އަންނަނީ ވޯޓު ކަރުދާހުގައި ކުރެހިޔަސް ވޯޓު ބާތިލު ނުވާ ގޮތަށް ކިޔައިދެމުންނެވެ. އެއީ މިހާރު ގާނޫނުގައި އޮތް ގޮތެވެ.
އަކްރަމް ވިދާޅުވީ ރައީސް އެ އިސްލާހު ތަސްދީގު ކުރައްވައިފި ނަމަ އިލެކްޝަންސް ކޮމިޝަނުން އެ އިސްލާހަށް އަމަލުކުރަން މަޖުބޫރު ވާނެ ކަމަށާއި އެކަމަކު އެއީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާނެ ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިއުލާނުކުރުމުގެ ކުރިން އެ އިސްލާހު އިހު އޮތްގޮތަށް ބަދަލުކުރުމަށް އިލެކްޝަނުން މަޖިލީހުގައި އެދުނުކަން އަކްރަމް ފާހަގަކުރެއްވިއެވެ. ނަމަވެސް އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އެ އިސްލާހު ބަދަލުކުރުމުން ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ.
"މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ބެލެވޭ އާދަޔާ ހިލާފަށް ގިނަ ވޯޓުތަކެއް ބާތިލުވާނެ ކަމަށް،" އަކްރަމް ވިދާޅުވިއެވެ.
ވޯޓު ކަރުދާހުގައި ލިޔެ ކުރަހައިފިނަމަ އެ ވޯޓު ބާތިލުވާގޮތަށް އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅީ ސ. ހުޅުދޫ ދާއިރާގެ މެމްބަރު ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދުއެވެ. އެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 53 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ތަސްދީގެއް ނުކުރައްވައެވެ. އެ އިސްލާހަށް އަމަލުކުރަން ފަށާނީ ތަސްދީގު ކުރެއްވުމުންނެވެ.