ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސަރުކާރުގައި ހިންގި ފުލެޓް މަޝްރޫއުތަކުގެ ފުލެޓްތަކުން އައިލާގެ 37 މީހަކަށް ފުލެޓް ލިބުނު ކަމަށާއި އެ ފަރާތްތަކަށް ފުލެޓް ލިބިފައި ވަނީ އޭނާގެ ނުފޫޒުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާ މެމްބަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުން ވަނީ، ފުލެޓް ލިބުނު ފަރާތްތަކުގެ ނަންތައް އާންމުކޮށްފަ އެވެ. އެއާ އެކު ފުލެޓް މަޝްރޫއުތައް ހިންގާފައިވާ ގޮތާއި އެ މަޝްރޫއުތަކުގެ ފުލެޓްތައް ދޫކޮށްފައިވާ ގޮތާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ރައީސް އޮފީހުން ހުޅުވާލި އެވެ.
ފުލެޓް ލިސްޓްގައި ހަލީލުގެ އައިލާގެ ގިނަ ބަޔަކަށް ފުލެޓް ލިބުނު ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ އިއްޔެ ރިޕޯޓު ކޮށްފަ އެވެ.
އެކަމާ ގުޅިގެން ހަލީލުގެ ފަރާތުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ފުލެޓް ލިސްޓުގައި އޭނާ ނިސްބަތްވާ ނިލަންދޫގެ 47 މީހަކަށް ފުލެޓް ލިބުނު ކަމަށާއި އޭގެ ތެރޭގައި އޭނާގެ "ބޮޑު އައިލާގެ" 37 މީހަކު ހިމެނޭ ކަމަށެވެ. އަދި އެ 37 މީހުންނަށް ފުލެޓް ލިބުމުގައި އޭނާ އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ހަލީލު ނެރުނު ބަޔާނުގައި ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ، އޭނާގެ ނަން ކިލަނބުކުރުމަށް އޭނާގެ ދާއިރާގެ މީހަކު ބައެއް ނޫސްވެރިންނަށް ދީފައިވާ މައުލޫމާތުގައި ހިމެނޭ އަދަދަށް ވުރެ ތިން ގުނަ އިތުރު އަދަދެއް ކަމަށެވެ.
"މަޖިލީހުގެ މެމްބަރަކަށް އަޅުގަނޑުވުމަކީ، [ނުވަތަ] އަޅުގަނޑުގެ އައިލާގެ މީހަކަށް ވާތީ، އެމީހަކަށް ލިބެންވާ ހައްގަކުން މަހުރޫމް ވާންޖެހޭ ކަމެއް ނޫން. އަދި ނުފޫޒު ބޭނުން ކޮށްގެން ކަންކަން ކުރުމަކީ އޭރު ވެސް މިހާރު ވެސް ކަންކަން ކުރުމުގައި އަޅުގަނޑުގެ ހަމައެއް ނޫން،" ހަލީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާގެ އާއިލާގެ މެމްބަރުންނަށް ފްލެޓް ލިބިފައި ވަނީ އެ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
"ހިޔާ މަޝްރޫއުގެ ދަށުން އަޅުގަނޑުގެ އާއިލާއަށް ނިސްބަތްވާ ފަރާތަކަށް ފުލެޓް ލިބިފައި ވަނީ، ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އެކަމަށް ޝަރުތު ފުރިހަމަ ވާތީ. ނުފުޒު ބޭނުން ކޮށްގެން ނޫން،"
Alhuganduge Noosbayaan: Flat libifavanee nufoozeh nethi, ekaku anekaku ge aguvattaalan kuraa masakkai huttaalavvaa!@Mihaarunews @sunbrk @Ch13official @cnm_mv @Raajje_tv @RaajjeTVLive @1onlinemv @addulive @VaguthuOnline @avasmv @Sangu_tv @PSMnewsmv @nilandhe1 @thepressmv pic.twitter.com/xKT4BnMeYz
— Dr. Abdulla Khaleel (@abkhaleel) March 6, 2019
އެ ރަށުން ވާހަކަ ދެއްކި މިހަކު "ސަން" އަށް ކިޔާދިން ގޮތުގައި ހަލީލުގެ އަނބިކަނބަލުނާއި ހަލީލުގެ އެއްބަނޑު އެއްބަފާ ހަތަރު މީހަކަށް ފުލެޓް ލިބިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އޭނާގެ ޅިޔަނުންނާއި ފަހަރި އަދި ދެބައިންގެ ދެދަރިންނަށް ވެސް ފުލެޓް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނަ މީހުންނަކީ ރަށުގައި ގޯތި ހުރި މީހުން ކަމަށް އޭނާ ކިޔާދިނެވެ.
އެއްބަނޑު މީހުންގެ ތެރޭގައި ލަންކާގައި ދިރިއުޅޭތާ ދެ އަހަރު ވެފައިވާ މީހަކަށް ވެސް ފުލެޓް ލިބިފައިވާ ކަމަށް އެނާ ބުންންޏެވެ.
ހަލީލު ނެރުނު ބަޔާނުގައިވާ ގޮތުން، އޭނާގެ އާއިލާގައި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އަލަތު ކައިވެނީގެ ކެޓަގަރީއަށް ހާއްސަ ފްލެޓްތަކަށް ހުށަހަޅައި ފުލެޓް ލިބުނު ފަރާތްތައް ހިމެނެ އެވެ. އެ ކެޓަގަރީތަކަށް ފޯމް ހުށަހެޅި އަދަދު މަދުވުމުން ފޯމް ހުށަހެޅި އެންމެނަށް ފްލެޓް ކަށަވަރުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީލާ އައިލީ ގޮތުން ގުޅުން އޮންނަ ދެމަފިރިންނަށް ވެސް ފްލެޓް ލިބިފައިވާ ކަމަށް ފްލެޓް ލިސްޓުގައި ހިމެނެ އެވެ. ނަމަވެސް ދެމަފިރިއަކު ފްލެޓު ލިބޭ ލިސްޓުގައި ހިމެނިއްޖެ ނަމަ، އެތަނުން ކޮންމެވެސް އެކަކު ފްލެޓު ދޫކޮށްލަން ޖެހޭނެ އެވެ. ފްލެޓު ދޭނީ ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށެވެ.
ފުލެޓު މަޝްރޫއުތަކުގެ ފްލެޓުތައް ދޭނެ ފަރާތްތައް ނިމިދިޔަ ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް ފުލެޓް ލިބުނު ފަރާތްކުގެ ނަންތައް އެހެން މީހުންނަށް އެނގޭނެހެން ހާމަ އެއް ނުކުރެ އެވެ. މި ސަރުކާރުން ވަނީ ފްލެޓުތައް ހައްގު ނޫން ބަޔަކަށް ދިންކަމަށް ބުނެ އާންމުން ކުރާ ޝަކުވާއާ ގުޅިގެން ފްލެޓުތަކުގެ ކަންތައް ބެލުމަށް ކޮމެޓީއެއް އެކުލަވާލައިފަ އެވެ.