މި އަހަރު ވެސް އަލިމަސް ޝަރަފު އަދި ރަން ގަލަން ދެނީ

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން ރައީސް ސޯލިހު، ކުރީގެ ރައީސް މައުމޫނަށް ދެއްވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން މިދިޔަ އަހަރު ދިން ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން އަދި ނޫސްވެރިކަމުގެ ރަން ގަލަން މިއަހަރު ވެސް ދިނުމަށް މޯލްޑިވަސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ.

އެމްއެމްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކައުންސިލްގެ ނައިބް ރައީސް އަހްމަދު އާޒިފް ވިދާޅުވީ، ނޫސްވެރިކަމުގެ ޚާއްސަ އިނާމު ދިނުމާ ގުޅޭގޮތުން މިއަހަރު އެކުލަވާލި އުސޫލުގައި ބަޔާންކޮށްފައިވާގޮތުން، ޚާއްސަ އިނާމުގެ ގޮތުގައި ދޭނެ އިނާމުތަކާއި ދޭނެ އަދަދުތައް ކަނޑައަޅާނީ ކަމާ ބެހޭ ކޮމެޓީން ކަމަށެވެ.

އެގޮތުން އިއްޔެ ބޭއްވި އިނާމު ކޮމެޓީގެ ބައްދަލުވުމުން ނިންމާފައި ވަނީ މިއަހަރު އަލިމަސް ޝަރަފްގެ ގަލަން ހަ ފަރާތަކަށް އަދި ރަންގަލަން 15 ފަރާތަކަށް ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްސީގެ ރައީސް ހިދާޔަތުﷲ އަދި ނައިބް ރައީސް އާޒިފް --- ސަން ފޮޓޯ: ފަޔާޒު މޫސާ

"މީގެތެރެއިން އަލިމަސް ޝަރަފު ގެ ގަލަން ދޭނެ ފަރާތްތައް ނިންމާނީ ކޮމެޓީން. ނަމަވެސް ނޫސްވެރިކަމުގެ ރަން ގަލަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު މިވަނީ ހުޅުވާލާފައި،" އާޒިފް ވިދާޅުވި އެވެ.

އަލިމަސް ޝަރަފްގެ ގަލަމާއި ރަން ގަލަން ދިނުމަށް ވަކި އަދަދެއް ކަނޑައެޅި ނަމަވެސް އެ އަދަދަށް ވުރެ ޝަރުތު ހަމަވާ މީހުންގެ އަދަދު މަދު ކަމުގައިވާނަމަ، އެ އިނާމު ލިބޭ މީހުންގެ އަދަދު މަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ރަންގަލަން ދޭނީ އެ ދާއިރާގައި މަދުވެގެން 15 އަހަރު ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށްއެކަނި ކަމަށް އާޒިފް ވިދާޅުވިއެވެ.

comment ކޮމެންޓް