އަދާލަތަށް ބައެއް ގޮނޑި ދޫކޮށްލަން އެމްޑީޕީގެ ތެރޭގައި މަޝްވަރާ ކުރަނީ

ރައީސް ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަަ ކުރާ 86 ގޮނޑީގެ ތެރެއިން ބައެއް ގޮނޑިތައް އަދާލަތު ޕާޓީއަށް ދޫކޮށްލުމަށް އެމްޑީޕީގެ ތެރޭގައި މަޝްވަރާ ކުރުމަށް އެ ޕާޓީން ނިންމައިފި އެވެ.

ބައެއް ދާއިރާތަކުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީއާ ގުޅިގެން ވާދަ ކުރުމަށް އަދާލަތު ޕާޓީގެ ފަރާތުން އެމްޑީޕީއަށް ހުށަހެޅި ހުށަހެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު މާބަލް ހޮޓަލުގައި ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފަ އެވެ. މަޖިލީސް އިންތިހާބުގައި ބައެއް ގޮނޑިތައް އަދާލަތަށް ދޫކޮށްލަން ގައުމީ މަޖިލީހުން ރުހުން ދިނީ އެ ބައްދަލުވުމުގަ އެވެ.

އެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، މަޖިލީހުގެ ގޮނޑިއެއް ދޫކޮށްލުމަށް ޕާޓީއަށް ގޮތެއް ނިންމޭކަށް ނެތް ކަމަށާއި ނަމަވެސް އެ ޕާޓީގެ ދާއިރާތަކުގެ މެންބަރުންނާއި މަޝްވަރާ ކުރުމަށް ފަހު އެ ބޭފުޅުން އެދޭ ނަމަ ހަ ގޮނޑި ދޫކޮށްލެވިދާނެ ކަމަށެވެ. އަދި އެގޮތަށް ކުރިއަށް ދިޔުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިއަދު ރުހުން ދީފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިއަދު ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ އަޅުގަނޑަށް ރުހުން ދެއްވާފައި ފަސް ހަ ދާއިރާއެއްގެ ޕާޓީގެ މެމްބަރުންނާ އަދި ގައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލު ކުރުމަށް،" ނަޝީދު ވިދާޅުވި އެވެ.

"މިއަދު ގައުމީ މަޖިލީހުގެ ވިސްނުމަކީ އެ ބޭފުޅުންގެ ހައްގެއް ނެތް ކަމަށް މިއަދަކު. ޕާޓީގެ ދާއިރާ މަޖިލީހެއް އޮވޭ. ދާއިރާ މަޖިލީހުގެ ރައީސް ގައުމީ މަޖިލީހުގައި ތަމްސީލު ވަނީ. ގައުމީ މަޖިލީހުގެ މެމްބަރުން މިހާރު އެދެނީ ދާއިރާ މަޖިލީހާއި ދާއިރާގެ މެމްބަރުންނާ އަޅުގަނޑުމެން މި މަޝްވަރާ ކުރަން،" ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެމްޑީޕީން އަދާލަތަށް ދޫކޮށްލަން މަޝްވަރާ ކުރާނެ ދާއިރާތައް އަދި ނުނިންމަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް ދާއިރާތައް އެނގޭނެ އަޅުގަނޑުމެންނަށް ފުރިހަމަ އެއްބަސްވުމެއް ވެވުނީމައި."

އަދާލަތު ޕާޓީ އިންތިޒާމްވެފައި އޮންނަނީ އެމްޑީޕީއާ ދުރު ގޮތަކަށް ނޫން ކަމަށާއި އެ ޕާޓީއަށް އެމްޑީޕީގެ ސިޔާސަތުތައް ގަބޫލު ކުރެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެން ކަމުން އެ ޕާޓީއާ އެކު މަސައްކަތް ކުރަން ފަސޭހަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް