މަޖިލިސް އިންތިޚާބާ ގުޅޭގޮތުން އަދާލަތު ޕާޓީ އާއި އެމްޑީޕީން މަޝްވަރާކޮށްފި

މަޖިލިސް އިންތިޚާބާ ގުޅޭގޮތުން އަދާލަތު ޕާޓީ އާއި އެމްޑީޕީ އިން ބޭއްވި ބައްދަލުވުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން ---- ފޮޓޯ/ އެމްޑީޕީ

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން އަދާލަތު ޕާޓީ އާއި އެމްޑީޕީން މަޝްވަރާކޮށްފިއެވެ.

މިރޭ އެމްޑީޕީ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ބައިވެރިވެވަޑައިގަތެވެ.

މީގެއިތުރުން ޖެންޑާ މިނިސްޓަރު ޝިތާދާ ޝަރީފާއި ކޮމިޝަނަރ އޮފް ކަސްޓަމްސް އަހްމަދު ނުއުމާނާއި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް ބައިވެރިވެވަޑައިގަތެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިޚާބުގައި ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކުރިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ. ނަމަވެސް ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ޗެއާޕާސަން ހަސަން ލަތީފް ސޮއިކުރައްވާފައިވާ އެ ލިޔުމަކީ އެއީ އެއްބަސްވުމެއް ނޫން ކަމަށް އެމްޑީޕީން ބުނެފައެވެ.

މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތައް ވާދަކުރަނީ ވަކިވަކިންނެވެ. އެންމެ ދާއިރާއެއް ފިޔަވައި މަޖިލީހުގެ ހުރިހާ ދާއިރާތަކަށް ވާދަކުރާނެ ކެންޑިޑޭޓުން އެމްޑީޕީން ވަނީ އިއުލާންކޮށްފައެވެ.

comment ކޮމެންޓް