އިޒްރޭލުން ގާޒާގެ ރަފަހް ސިޓީއަށް ވައިގެ މަގުން ދިން ހަމަލާ ކުށްވެރިކޮށް، ދިވެހިރާއްޖެއިން އެކަން ހުއްޓުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއްކުރަން ގޮވާލައި މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި އެ ކުއްލި މައްސަލަ 22 މެންބަރުންގެ ވޯޓާ އެކު މަޖިލީހުގެ ތަޅުމުން ވަނީ ބަލައިގެންފައެވެ. އެ ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.
އެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު ސަލީމް ވަނީ، އިޒްރޭލުން އަނެއްކާ ވެސް ވައިގެ މަގުން ހަމަލާ ދޭން ފެށިކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އެ ހަމަލާގައި މިހާތަނަށް 34،000އަށް ވުރެ ގިނަ މީހުން މަރުވެ، 70،000އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާކަން ސަލީމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެ ހަމަލާގެ ޓާގެޓަކީ އާއްމު ރައްޔިތުން ކަމަށެވެ. އެއީ، އަސްކަރީ ބައެއްގެ ދެމެދު ހިނގަމުންދާ ހަނގުރާމައެއް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ.
"ހުސްވި އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ގާޒާގައި ދިރުމެއް ނެތް. ބަލިމަޑުކަން އާންމުވެ، އެކަމުގަ މަރުވެދާ މީހުން ވެސް މަދެއް ނޫން. އެހީ ހިފައިގެންދާ މީހުންނަށް ވެސް ހަމަލާދެނީ. ނޫސްވެރިންނަށް ވެސް ހަމަލާދެނީ،" ގާޒާގެ ހާލަތަށް އިޝާރާތްކުރައްވާ ސަލީމް ވިދާޅުވިއެވެ.

އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ): އޭނާ ވަނީ ސަލީމްގެ ކުއްލި މައްސަލައަށް ތާއީދުކުރައްވާފައި -- ފޮޓޯ/ މަޖިލިސް އިދާރާ
ކުއްލި މައްސަލައަށް ތާއީދުކޮށް މައްސަލައިގެ ބަހުސްގައި ބައިވެރިވެވަޑައިގެން، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ޕަލަސްތީނުގެ މައްސަލައަކީ ވަރަށް ކުރިން ވެސް އަޑުއިވޭ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ އަދިވެސް ކުރިއަށްދާން ޖެހެނީ، ވީޓޯ ކުރުމުގެ ބާރު އޮންނަ ގައުމުތަކުން އެކަމަށް މަގުފަހިކޮށްދޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖެއަށް ކުރެވޭ އެންމެ ބޮޑު ކަމަކީ އެކަން ކުށްވެރިކުރުން ކަމަށެވެ.
"އަޅުގަނޑުމެން ވެސް މި ޖެހެނީ އަޅުވެތިވެފައި ތިބެން. އެހެން ބައެއްގެ މަދަދުވެރިކަން ހޯދަން، އެއީ އަދި ޓޫރިޒަމް ވިޔަސް،" އޭނާ ވިދާޅުވިއެވެ.
އެ ބަހުސްގައި ބައިވެރިވެވަޑައިގެން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަކީ މޭޒެއް ކުރިމަތީ ތިބެ ހައްލުކުރެވޭ ވަރަށް ވުރެ ބޮޑު މައްސަލައެއް ކަމަށެވެ. އަދި، މުސްލިމް ސަރުކާރުތަކުންނާއި ބޮޑެތި ގައުމުތަކުން ލޮލު ކުރިމަތީ ހިނގަމުންދާ އިންސާނީ ޖަރީމާއަށް ބީރު ކަންފަތެއް ދެމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ.

މެންބަރު ޖަމްޝީދު މުޙައްމަދު: އޭނާ ވަނީ ފަލަސްތީނުގެ ހައްގުގާ ތެދުވާން ގޮވައިލާފައި -- ފޮޓޯ/ މަޖިލިސް
"އަޅުގަނޑުމެން ހުރިހާ މުސްލިމުން މި ކަމުގައި ބައިވެރިނުވެ މިކަން ހައްލެއް ނުވާނެ. ރަފަހްގައި ތިބި ރައްޔިތުންނަކީ، ހަނގުރާމަ ކުރެވޭ ހާލަތެއްގައި ތިބި ބައެއް ނޫން،" މެންބަރު ޖަމްޝީދު ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހަށް އެކި މެންބަރުން ވަނީ ކުއްލި މައްސަލައިގެ ގޮތުގައި އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް ހުށަހަޅާފައެވެ. އަދި، އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ވެސް ހުށަހަޅާފައިވެއެވެ. އެކަމަކު، މިހާތަނަށް އެ ކަން ކުރެވިފައެއް ނުވެއެވެ.
ރާއްޖެއިން އަބަދު ވެސް ވަކާލާތުކުރަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ފުރުސަތު ލިބެންވާނެ ކަމަށެވެ. އަދި، ބައިނަލްއަޤުވާމީ ބައްދަލުވުންތަކުގައި ވެސް ރާއްޖެއިން އަބަދު ވެސް އެ ގައުމާ އެއްކޮޅަށް ވަކާލާތުކުރެއެވެ.