ކ. އެނބޫދޫފިނޮޅުގައި ހިންގާ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގެ މޫދު ކޮޓަރިތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފްގެ ތަރްޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، މިހާދިސާގެ މަޢުލޫމާތު ލިބުނީ ފަތިހު 04:48ގައި ކަމަށެވެ. އަދި އެ ޚަބަރު ލިބުމާއެކު ވަގުތުން ފަޔަރ އެންޑް ރެސްކިއު ސަރވިސް އަލިފާން ނިއްވުމުގައި ހަރާކާތްތެރިވާން ފެށި ކަމަށާއި އަލިފާން ނިއްވާލެވިފައި ވަނީ، ހެނދުނު 06:15 ކަންހާއިރު ކަމަށެވެ.
"ފުރަތަމަ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ފަތުރުވެރީން ތިބި މޫދު ކޮޓަރިއެއްގައި. ރޫމުގައި ތިބި ފަތުރުވެރީންނަށް ގެއްލުމެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
ތާޖް އެގްޒޯޓިކާގެ މޫދުގައި ހަދާފައިވާ ފަސް ކޮޓަރިއެއްގައި ރޯވި އަލިފާން ނިއްވާލުމުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުންނާއި އެ ރިސޯޓްގެ ފަޔަރ ޓީމު ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިހާދިސާގައި މޫދުކޮޓަރިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާކަމަށް އެމްއެންޑިއެފުން މައުލޫމާތުދެއެވެ.
ތާޖް އެގްޒޯޓިކާ ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނީ އެ ރިސޯޓުގައި ހިނގި ހިތާމަެރި ހާދިސާއާ ގުޅިގެން އެ ރސިޓޯުން ދަނީ ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން ތަހުގީގުކުރަމުން ކަމަށެވެ.
"އަޅުގަނޑުމެންގެ ގެސްޓުން އަދި މުވައްޒަފުން މިވަގުތު ވަނީ ރައްކާތެރި މާހައުލެއްގައެވެ. އަދި ހޮޓެލްގެ އޮޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްދާ ވާހަކަ ދަންނަވަމެވެ،" އެ ރިސޯޓުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވެއެވެ.
ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާއަކީ އިންޑިއާގެ ތާޖް ހޮޓެލްސްއިން ރާއްޖޭގައި ހިންގާ ރިސޯޓެކެވެ. ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގެ އިތުރުން ކ. ހެނބަދޫގައި ތާޖް ކޮރަލް ރީފް ރިސޯޓުވެސް ހިންގައެވެ.