މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށްވާ މާދަމާއިން ފެށިގެން އެމްޓީސީސީ ފެރީގެ ޚިދުމަތް ކުޑަގިރި ޕިކްނިކް އައިލެންޑަށް ތައާރަފުކުރުމަށް އެމްޓީސީސީން ނިންމައިފިއެވެ.
އެމްޓީސީސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ކުޑަގިރި ޕިކްނިކް އައިލެންޑަށް އޮންނަ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ކުންފުނިން ކުޑަގިރިއަށް ފެރީގެ ޚިދުމަތް ދިނުމަށް ނިންމާފައި ވާކަމަށެވެ.
މާދަމާ މި ޚިދުމަތް ފެށުމަށް ހަމަޖެހިފައި ވާއިރު މާދަމާއަކީ ފިތުރު އީދުދުވަސް ކަމަށް ވުމުން މާދަމާއަށް ޚާއްސަ ދަތުރުތަކެއް އޮންނާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ފިތުރު އީދާއި ވިދިގެން އަންނަ ބަންދު ދުވަސްތަކުގައި ދަތުރުކުރުމަށް ނިންމާފައި ވަނީ ހަފުތާ ބަންދުގައި ދަތުރުކުރުމަށް ނިންމާފައިވާ ގޮތަށް ކަމަށް އެެމްޓީސީސީން ވަނީ ބުނެފައެވެ.
އެގޮތުން މާދަމާ މާލެއިން ކުޑަގިރިއަށް އެމްޓީސީސީގެ ފެރީ ހެނދުނު 09:00 އާއި 10:30 ގައި އޮންނާނެއެވެ. އަދި ކުޑަގިރިން މާލެ އައުމަށް ފެރީ ފުރުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:00 އާއި 17:30 ގައެވެ.
މާލެއިން ކުޑަގިރިއަށް އަދި ކުޑަގިރިން މާލެއަށް އެމްޓީސީސީގެ ފެރީ ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ހަފުތާ ބަންދުގައި ހެންވޭރު ފެރީ ޓާމިނަލުންނެވެ. އެގޮތުން މި ދެ ދުވަހު މާލެއިން ކުޑަގިރިއަށް ދިއުމަށް ފެރީ ފުރާނީ ހެނދުނު 6:30، 8:00 އަދި 9:30 ގައެވެ. އަދި ކުޑަގިރިން މާލެ އައުމަށް ފެރީ ފުރުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ ހަވީރުގެ 4:00، 5:30 އަދި 7:00 ގައެވެ.
އެމްޓީސީސީއިން ބުނީ މާލެއާއި ކުޑަގިރިއާ ދެމެދު އެ ކުންފުނީގެ ފެރީ ދަތުރުކުރާނީ ކޮޅަކަށް 70 ރުފިޔާއަށް ކަމަށެވެ. އަދި ދަތުރުގެ ދިގުމިނަކީ 35 މިނެޓުކަން އެމްޓީސީސީއިން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ކުޑަގިރިއަށް ދަތުރުކުރައްވަން ބޭނުންވާ މީހުންނަށް އެމްޓީސީސީގެ އެސްޓީއެލް އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ޓިކެޓު ހަމަޖެއްސޭނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. އަދި މިރޭގެ 9:00ގެ ފަހުން ޓިކެޓު ނެގެން ހުންނާނެ ކަންވެސް އެމްޓީސީސީއިން ވަނީ ފާހަގަކޮށްފައެވެ.