ބޭނުންވަނީ ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހެއް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީ ޕްރައިމެރީގައި ވޯޓު ލެއްވުމަށް އިމާދުއްދީންގައި --- ފޮޓޯ/ މުޒައިން ނާޒިމް

ބޭނުންވަނީ ސަރުކާރަށް މެޖޯރިޓީ އޮތް ސަރުކާރުގެ ވައުދުތައް ފުއްދަން އެހީވާނެ ރައްޔިތުންގެ މަޖިލީހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ބާއްވާ އެމްޑީޕީ ޕްރައިމަރީގައި ވޯޓުލެއްވުމަށް އިމާދުއްދީން ސުކޫލަށް ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ސަރުކާރަށް ތާއީދުކުރާ މަޖިލީހެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑު ބޭނުންވާ ކަމަކީ ސަރުކާރަށް ތާއީދު އޮތް އަޅުގަނޑުމެންގެ ވައުދުތައް ފުރިހަމަކުރުމަށްޓަކައި އެއްބާރުލާ މެޖޯރިޓީ އޮތް މަޖިލީހެއް ކުރިއަށް އޮތް 19 ވަނަ ރަޔިތުންގެ މަޖިލީހަށް އިންތިހާބުވުން. ސަރުކާރަށް ތާއީދުއޮތް މަޖިލީހެއްގެ މުހިންމުކަން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން ދެކެން ޖެހޭނީ އެމްޑީޕީ ހިމެނޭ ގޮތަށް އައި ކޯލިޝަނުގައި ދެމި އޮވެ ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަޖިލީހުގެ ތެރޭން މަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑު ޔަގީންކުރަން އެމްޑީޕީން ސަރުކާރަށް އެ އެއްބާރުލުން ލިބިގެންދާނެ ކަމަށް. އެއީ މި ޕްރައިމެރީގައި ކާމިޔާބުވެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރުމަށް ފަހު އެ ބޭފުޅުންގެ އަމަލުތައް މިސްރާބު ޖަހާނެ ގޮތް ކަމުގައި އަޅުގަނޑު ގަބޫލުކުރަން." ރައީސް ސޯލިހު ވިދާޅުވިއެވެ.

https://sun.mv/114172

ސަރުކާރަށް ތާއީދުކުރާ މަޖިލީހެއްގެ މުހިންމުކަން ރައީސް ސޯލިހު ފާހަގަ ކުރައްވާފައިވާއިރު ސަރުކާރު އުފެދިގެން އައީ ކޯލިޝަނެއްގެ ތެރެއިންނެވެ. އެއީ އެމްޑީޕީ ޖޭޕީ އަދި އަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫނުގެ ރިފޯމް މޫވްމަންޓް ހިމެނޭ ގޮތަށެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުގެ ވައުދުތައް ފުއްދަން އެމްޑީޕީއަށް މެޖޯރިޓީއޮތް މަޖިލީހެއް މުހިންމު ކަމަށެވެ. ނަޝީދާއި ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ދެމެދު ދަނީ މަޖިލިސް އިންތިހާބާ ގުޅިގެން ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރަމުންނެވެ.

comment ކޮމެންޓް