އިންތިހާބަށް ކުރިމަތިލުމަށް ހުރަސްއެޅޭ ކަންކަން ބަލައެއް ނުގަނެވޭނެ: ރައީސް

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓު ލިބޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ މަޖިލިސް ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ސޯލިހު ވޯޓުލެއްވުމަށް ވަޑައިގެން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެއްވެސް ރައްޔިތަކަށް އިންތިހާބަށް ކުރިމަތިލުމަށް ހުރަސްއެޅޭ ގޮތަށް ކުރެވޭ ކަންކަން ބަލައެއް ނުގަނެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބާއްވާ އެމްޑީޕީ ޕްރައިމެރީގައި ވޯޓުލެއްވުމަށް އިމާދުއްދީން ސުކޫލަށް ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއްވެސް ރައްޔިތަކަށް އިންތިހާބަށް ކުރިމަތިލުމަށް ހުރަސްއެޅޭ ކަހަލަ ކަންތައްތައް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހުރަސް އެޅުމަށްޓަކައި ހިނގާ ކަންތައްތަަކަކީ އެއީ ޑިމޮކްރެސީއާ އިދިކޮޅަށް ކުރެވޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެވޭ ޝަރުތުތައް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ އިތުރަށް ޝަރުތުތަކެއް ކަނޑައަޅައިގެން ބައެއް ފަރާތްތަކަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ކަންތައްތައް ކުރުމަކީ ގާނޫނުއަސާސީއާ އެއްގޮތަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތި ނުލެވޭގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އިސްލާހެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

https://sun.mv/114168

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ ޕްރައިމަރީއަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެކަން ވަރަށް ސާފުކޮށް ފެނިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވާ ކަމަކީ ސަރުކާރަށް ތާއީދު އޮތް އަޅުގަނޑުމެންގެ ވައުދުތައް ފުރިހަމަ ކުރުމައްޓަކައި އެއްބާރުލާ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއް ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފެނިގެން ދިޔުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު އެމްޑީޕީގެ ޕްރައިމެރީ ސިފަކުރެއްވީ ޑިމޮކްރެސީ ތަރައްގީވެ ހަމަޔަކަށް އެޅެމުންދާ ކަމެއްގެ ގޮތުގައެވެ. ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ވިސްނުން ފާޅުކުރުމަށް އެދިއެދި ތިބިތަން އެމްޑީޕީ ޕްރައިމެރީން ފެނިގެންދާ ކަމަށެވެ.

"އެމްޑީޕީން މި ބާއްވާ ޕްރައިމަރީއަކީ އެގޮތުން އެޅުގަނޑުމެންގެ ޑިމޮކްރެސީ ފައްކާ ކުރުމަށްޓަކައި ހުޅުވިގެންދާ އިތުރު ދޮރެއް. ކުރިއެރުމެއް. އިރާދަކުރެއްވިއްޔާ އެމްޑީޕީގެ މުސްތަގުބަލު އޮންނާނީ އެގޮތަށް. ޑިމޮކްރެސީއަށް ފަހިވާ ގޮތަށް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

comment ކޮމެންޓް