މެމްބަރު ޔާމީން އެމްޓީޑީއަށް ސޮއިކޮށްފި

ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދު ވަނީ މިއަދު މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައި ---ފޮޓޯ: އެމްޓީޑީ

ރައޔްިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދު މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އަށް ސޮއިކުރައްވައިފިއެވެ.

އެމްޓީޑީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު މެމްބަރު ޔާމިން ވިދާޅުވީ އޭނާ ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީގައި މުސްތަގުބަލެއް ނެތްކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.

"ގަބޫލެއް ނުކުރަން ޕީޕީއެމްގައި މުސްތަގުބަލެއް އޮތްކަމަށް. ޕީޕީއެމްގެ މުސްތަގުބަލު އޮތީ ޝަރުއީ ކޯޓުތަކަށް ހުށަހެޅިފައި ހުރި މައްސަލަތަކެއްގެ މައްޗަށް ބިނާވެފައި. އެހެންވެ ކޯޓުން ގޮތެއް ނިމޭތޯ ނުނިމޭތޯ އިންތިޒާރުކުރުމުގެ ބަދަލުގައި ރައްޔިތަކަށް ހިދުމަތް ކުރެވެން އޮތް މަގެއް ކަމަށް ފެނިއްޖިއްޔާ ޕާޓީ ބަދަލުކުރެވިދާނެ،" މެމްބަރު ޔާމިން ވިދާޅުވިއެވެ.

މިއަދާ ހަމައަށް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ވެލިދޫ ދާއިރާގެ މެމްބަރު ޔާމިންވެސް ހިމެނޭގޮތަށް މިދިޔަ ހަފްތާގައި ވަނީ، ދެ މެމްބަރަކު ފިޔަވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގައި ތިއްބެވި ހުރިހާ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ދީފައެވެ. އެގޮތުން ޔާމިންއަށް ދިނީ ވެލިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓެވެ.

އެހެން ނަމަވެސް ޔާމިން އިއްޔެ ވަނީ ޕީޕީއެމްގެ ޓިކެޓުގައި ވެލިދޫ ދާއިރާއަށް ވާދަނުކުރާނެކަމަށް ވިދާޅުވެ އިއްޔެ ޓްވީޓެއްވެސް ކުރައްވާފައެވެ.

https://sun.mv/112829

އެމްޓީޑީއަށް ސޮއިކުރެއްވުމަށްފަހު މިއަދު މެމްބަރު ޔާމިން ވިދާޅުވީ އޭނާ އެމްޓީޑީއަށް ބަދަލުވުމަކީ "ފެށުމެއް" ކަމަށާއި، އެއަށްފަހު "ގިނަ އަދަދެއްގެ މެމްބަރުން އެ ޕާޓީއާ ދިމާލަށް މިސްރާބު ޖަހާނެ" ކަމަށެވެ.

މީގެ އިތުރުން ޔާމިން ވިދާޅުވީ އެމްޓީޑީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މެމްބަރުންވެސް ކުރިމަތިލާނެ ކަމަށާއި، އޭގެ ތެރެއިން އެކަކަށް އޭނާ ވާނެ ކަމަށެވެ.

"ހަމަ ގައިމުވެސް އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނަން މި ޕާޓީގެ ފަރާތުން. ރައްޔިތުންގެ މަޖިލީހުގެ ކޮންމެވެސް ގޮނޑިއަކަށް އެމްޓީޑީގެ ފަރާތުން އަޅުގަނޑު ވާދަކުރާނަން،" ޔާމިން ވިދާޅުވިއެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ ޕާޓީ އުފެއްދެމުގައި އިސްވެ ހުންނެވީ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފްއެވެ.

އެމްޓީޑީއަށް ފުރަތަމަ ސޮއިކުރެއްވި ފުރަތަމަ ބޭފުޅަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރެވެ.

comment ކޮމެންޓް