ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެލިދޫ ދާއިރާއަށް ކުރިމަތި ނުލައްވަން މިހާރު އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުން އަންނަ ޔާމިން ރަޝީދު ނިންމަވައިފިއެވެ.
ޔާމިން ހިމެނިވަޑައިގަންނަވާ ގޮތަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ 24 މެމްބަރުންނަށް ޕީޕިއެމްގެ ޓިކެޓު ހަވާލުކުރީ މި މަހުގެ ތިންވަނަ ދުވަހުއެވެ. ޔާމީނަށް ޕީޕީއެމުން ދީފައި ވަނީ ވެލިދޫ ދާއިރާގެ ޓިކެޓެވެ.
މިއަދު އޭނާ "ސަން" އަށް ވިދާޅުވީ، ވެލިދޫ ދާއިރާގެ ޕީޕީއެމް ޕްރައިމަރީއެއް ބާއްވައި އެ ދާއިރާގެ މެމްބަރުކަމަށް ވާދަކުރަން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން ދާ ކަމަށެވެ. އަދި އެކަމަށް ފުރުސަތު ދިނުމުގެ ގޮތުން ވެލިދޫ ދާއިރާއަށް ކުރިމަތި ނުލައްވަން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެލިދޫ ދާއިރާއަށް ކުރިމަތި ނުލެއްވި ނަމަވެސް، މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާނެކަމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރެއްވިއެވެ. ނަމަވެސް ވާދަ ކުރައްވާނެ ދާއިރާއެއް އަދި ނުނިންމަވާ ކަމަށް ވިދާޅުވިއެވެ.
ރޭ ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، ޕްރައިމަރީ އެއް ބޭއްވުމަކާ ނުލައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވައިފިނަމަ އޭނާ މަޖިލީސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިދާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެެވެ.
After a considerable thought, I have decided not to run for the parliament with PPM ticket for the betterment of interested candidates of PPM. I am persuaded that if I contest the parliamentary race with PPM ticket (that was awarded without a primary), I might end up losing.
— Yamin Rasheed (@YaminRasheed) December 11, 2018
މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޔާމިން ވެލިދޫ ދާއިރާއަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ. ނަމަވެސް ފަހުން އޭނާ ޕީޕީއެމްއާ ގުޅިވަޑައިގަތީއެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ 24 މެމްބަރެއްގެ އިތުރުން، 18 ބޭފުޅަކަށްވެސް ވަނީ ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ޓިކެޓު ހަވާލު ކޮށްފައެވެ.
މިފަހަރުގެ މަޖިލީސް އިންތިހާބުގައި ވާދަ ކުރުމަށް ޕީޕީއެމްގެ ޓިކެޓު ދީފައި ނުވާ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މެމްބަރުންނަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކެވެ.