ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭނީ ކުރިން ހައްޖުވެފައި ނުވާ ފަރާތްތަކަށް ކަމަށް ހެދުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ ވައުދެކެވެ.
ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ.
އެގޮތުން ޕެންޝަނާ ބެހޭ ގާނޫނަށް ވަނީ އިތުރު ސުރުހީއެއްގެ ދަށޫން މާއްދާތަކެއް އިތުރުކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ ޕެންޝަން ފަންޑުން ހައްޖަށް ދެވޭނީ މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށް ކަމަށެވެ.
އޭގެ އިތުރުން ޕެންޝަން ފަންޑުން ހައްޖަށް ދެވޭނީ ވަކި އަދަދަކަށް ފައިސާ ޕެންޝަން އެކައުންޓުގައި ހުންނަ ފަރާތްތަކަށް ކަމަށް ވެސް ޕެންޝަން ގާނޫނަށް އިތުރު ކުރަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.
- އެ ފަރާތަކީ ޕެންޝަން ލިބޭ އުމުރު ހަމަވާއިރު މަހަކު 2000 ރުފިޔާ، މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރުގެ ފައިސާ، ހައްޖު ވުމަށް ހުށަހަޅާ ރިޓަޔަމެންޓް ސޭވިންގް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތަކަށް ވުން
ހައްޖުވުމަށް ފައިސާ ދޫކުރެވޭނީ އެ އަހަރަކު ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައު ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ 50 ޕަސެންޓް ކަމަށްވެސް ގާނޫނަށް ހުށަހެޅި އިސްލާހުައި ބުނެފައިވެ އެވެ.
ޕެންޝަން ފަންޑުން ފައިސާ ބޭނުންކޮށްގެން އަހަރަކު ހައްޖަށް ދެވޭނީ ކިތައް މީހުންނަށްކަން ކަނޑައަޅާނީ ޕެންޝަން އޮފީހުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.