އަންނަ އަހަރުގެ މާރޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖުލީހުގެ އިންތިހާބަކީ ދިވެހި ރާއްޖޭގެ ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ސިޔާސީ މުސްތަގްބަލް ކަނޑައަޅާނެ އިންތިހާބެއްކަން ކަށަވަރެވެ. ކުރިން ބެލެވިފައި އޮތީ ވެރިކަން ކުރާ ކޯލިޝަންގެ ހަތަރު ޕާރޓީ، އެއްބަސްވާ އުސޫލަކުން، ހަތަރު ޕާރޓީ ގުޅިގެން، ކޯލިޝަނެއްގެ ގޮތުގައި މަޖުލިސް އިންތިހާބްގައި ވާދަކުރާނެ ކަމަށެވެ. ނަމަވެސް ކޯލިޝަންގެ އެންމެ ބޮޑު ޕާރޓީ، އެމްޑީޕީ އިން ހުރިހާ ގޮނޑިއަކަށް ވަކީން ވާދަ ކުރުމަށް ވިސްނަމުންދާ ކަމަށް ބުނުމުން ޕާރޓީތަކުން މަޖުލިސް އިންތިހާބަށް ކުރިމަތިލާނެ އުސޫލެއް އަދި ޔަގީނަކަށް ނޭނގެ އެވެ.
ރައީސް ޔާމިން، ނުވަތަ ޕީޕީއެމްގެ އިސް މަސްއޫލުވެރިއަކު، ނަން ހާމަނުކުރާ ގޮތަށް ވިދާޅުވީ ޔާމިނުގެ ޕާރޓީން މަސައްކަތް ކުރާނީ ވީހާވެސް ގިނަ ގޮނޑިއެއް ކާމިޔާބު ކުރުމަށް ކަމަށެވެ. އެގޮތުން ހުރިހާ ގޮނޑިއަކަށް އެޕާރޓީން ކުރިމަތިލާނެ ކަމަށް އެފަރާތުން ވިދާޅުވި އެވެ.
އެމްޑީއޭ އިން ވަނީ މަޖުލިހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރާނެ ކަމުގައި ރަސްމީކޮށް ބުނެފަ އެވެ. އެ ޕާރޓީން މަޖުލިސް އިންތިހާބުގައި ވާދަ ކުރާނީ ވަކީންތޯ ނުވަތަ ޕާޓީއަކާ އެކު ތޯ އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އެމްޑީއޭ އިން މަޖުލިހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަކީ ކުރިއަށް އޮތް އިންތިހާބުގެ ފޯރި ގަދަވެގެން ދާނެ ކަމެއްކަން ޔަގީނެވެ.
ވެރިކަންކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާރޓީ، އެމްޑީޕީގެ ވިސްނުން ހުރީ، އަދި އެ ޕާރޓީގެ ގިނަ މެމަބަރުން ސޯޝަލް މީޑިއާގައި ހާމަކުރާ ޝުއޫރުތަކަށްބަލާ އިރު، އާއްމު ގިނަ މެމެބަރުންގެ ހިޔާލް ހުރީ އެމްޑީޕީ ވަކީން ހުރިހާ ގޮނޑިއަކަށް ވާދަކުރާ ގޮތައްކަމަށް ޤަބޫލް ކުރެވެ އެވެ. ކޯލިޝަންގައި ހިމެނޭ ޕާރޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާރޓީ، އަދާލަތު ޕާރޓީ، އަދި މައުމޫން ރިފޯރމް މޫވްމެންޓުން ބުނެފައި ވަނީ އެފަރާތްތަކުން އިންތިހާބްގައި ވާދަކުރާނީ އެއް ކޯލިޝަންގެ ގޮތުގައި ކަމަށެވެ.
އެހެންކަމުން މަޖުލިސް އިންތިހާބްގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދޭނީ އެމްޑީޕީ އާއި، ޔާމިނުގެ ޕާރޓީ އާއި އަދި ޖުމްހޫރީ ޕާރޓީ އާއި އެމްޑީއޭ އާ ދެމެދު ކަމަށް ފެނެ އެވެ. އެގޮތުން ޝިޔާމްގެ އެމްޑީއޭ ވެސް އިންތިހާބްގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ފެނެ އެވެ. މިގޮތަށް ޕާރޓިތަކުން ވަކިވަކީން ކުރިމަތިލައިފި ނަމަ، ކުރީގެ ތަޖުރިބާ އަށް ބަލާއިރު، އެއްވެސް ޕާރޓީ އަކަށް ސާފު މެޖޯރޓީ، ނުވަތަ މަދުވެގެން 44 ގޮނޑި ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން މާރޗް 2019ގެ މަޖުލިސް އިންތިހާބަށް ފަހު މަޖުލިސްތެރޭގައި އުފެދިގެންދާ "ކޯލިޝަން" އަކީ ހަގީގީ "ވެރިކަން ކުރާ ކޯލިޝަން" ކަމުގައި ވެދާނެ އެވެ.
މާރޗް މަހު ބޭއްވޭ އިންތިހާބަކީ މި ފަސް އަހަރާއި އަދި އޭގެ ފަހުންވެސް ރާއްޖޭގެ ކުރިމަގުގެ "ވެރިކަން" ކޮންޓްރޯލްކުރާނެ ބައެއް ކަނޑައަޅާނެ މުގާބަލާއެކެވެ. ސިޔާސީ ހަނގުރާމައެކެވެ.
އެމްޑީޕީ، ޖުމްހޫރީ ޕާރޓީ، އަދާލަތު ޕާރޓީ، މައުމޫން ރިފޯރމް މޫވްމަންޓް، އެމްޑީއޭ، ޕީޕީއެމް އަކީ މި އިންތިހާބްގައި ބައިވެރިވާނެ ތަފާތު ހަ ފަރާތެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވެސް ގިނަ ކެންޑިޑޭޓުންތަކެއް ވާދަ ކުރާނެ ކަމަށް ބެލެވެ އެވެ.
އިންތިހާބަށް ހަތަރު މަސް ދުވަހަށް ވެފައިވާ އިރު އެންމެ ގިނަ ބަޔަކު ބަލަން ތިބީ ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާރޓީ، އެމްޑީޕީ އިން މި އިންތިހާބްގައި ކަން ކުރާނެ ގޮތަކަށެވެ. އެމްޑީޕީ އިން ހުރިހާ ގޮނޑިއަކަށް ވަކި ވަކީން ވާދަ ކުރިއަސް، ޕާރޓީގެ ޕްރައިމަރީ މަރުހަލާ ގިރާކޮށް، ބައެއް ސިޔާސީ ފަރާތްތަކަށް "ތަބަކަކަށް ލާފައި" ކެނޑިޑެސީ ދޭން އުޅޭ ކަމަށް ބުނެ އެމްޑީޕީގެ އާއްމު ގިނަ މެމަބަރުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން "ތަބަކާ ދެކޮޅު" މި ނަމުގައި ޓްވިޓަރގައި ހޭޝް ޓެގެއް އުފައްދައިގެން ގިނަ ބަޔަކު ދަނީ މިދެންނެވި ހޭޝްޓެގް ގައި ޓްވީޓް ކުރަމުންނެވެ. މިފަހަކަށް އައިސް އިހަވަންދޫ ދާއިރާގެ މުހުއްމާ އާއި ތިމަރަފުށީ ދާއިރާގެ މުސްތަފާ ފަދަ ބައެއް މެމްބަރުން، ރައީސް ނަޝީދުގެ ހާޒިރުގައި އެމްޑީޕީ އަށް ސޮއި ކުރެއްވުމުން އެފަދަ ބޭފުޅުންނަށް "ތަބަކަކަށް ލާފައި" ކެންޑިޑެސީ ދޭން އުޅޭ ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު ޝުއޫރު ފާޅުކުރަމުން ދެއެވެ.
އަދި ތަބަކަކަށް ލާފައި ޓިކެޓް ނުދިނަސް، އެމްޑީޕީގެ ޕްރައިމްރީގައި ތަފާތު ދެ ކޭމްޕޭއްގެ ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. އެއީ ރައީސް ނަޝީދު ތާއިދު ކުރައްވާ ނަޝީދު ކޭމްޕާއި، ރައީސް ސޯލިހް ތާއިދު ކުރައްވާ އިބޫ ކޭމްޕް އެވެ. ސިޔާސީ ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރައީސް ނަޝީދު ބޭނުންފުޅު ވަނީ މަޖުލިހުގެ މެޖޯރިޓީ ނަޝީދު ފަޅިއަށް ނަންގަވައިގެން މަޖުލީހާއި ސަރުކާރު ވެސް ނަޝީދުގެ ކޮންޓްރޯލްގެ ދަށަށް ގެންނަވާށެވެ. އަދި ރައީސް ސޯލިހް ބޭނުންފުޅުވަނީ އެމަނިކުފާނަށް ވަފާތެރި ބޭފުޅުން މަޖުލީހުގައި ގިނަ ކުރައްވާށެވެ.
މިސާލަކަށް އައްޑޫ ސިޓީގެ ހުޅުދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ހަތަރު ބޭފުޅުން ކަމުގައިވާ ޑރ.ޑީޑީ، އިލްޔާސް ލަބީބް، ސަފާހަތު، އަދި ސާމިއު އަންވަރު، މި ހަތަރު ފަރާތުގެ ތެރެއިން ރައީސް ނަޝީދުގެ ސަޕޯރޓް އޮތީ އިލްޔާސް ލަބީބަށް ކަމަށް ބެލެވެ އެވެ. އަދި ރައީސް ސޯލިހްގެ ތާއިދު އޮތީ ސާމިއު އަނވަރުއަށް ކަމަށް ބެލެވެ އެވެ. ހަމައެފަދައިން އައްޑޫ ސިޓީ، ހިތަދޫ ދެކުނު ދާއިރާގެ ޕްރައިމްރީގައި ރައީސް ނަޝީދުގެ ތާއިދު އޮތީ މިހާރު އެދާއިރާގެ މެމްބަރު އަލީ ނިޒާރަށް ނޫން ކަމަށާއި ލޯޔަރު ހިސާން ހުސެއިންގެ ފިރިކަލުންނަށް ކަމަށް ވެސް ވާހަކަ ދެކެވެ އެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ސ. ހުޅުދޫ އިން މައުލޫމާތު ދިން ފަރާތަކުން ތުހުމަތު ކުރާ ގޮތުގައި މިދިޔަ މަޖުލިސް އިންތިހާބްގެ އެމްޑީޕީ ޕްރައިމްރީގައި ވެސް އިލްޔާސް ލަބީބު ހޮވުނީ ޝައްކު އުފެދޭ ގޮތަކަށެވެ. އެހެންކަމުން މިފަހަރުގެ ޕްރައިމްރީ ވީހާ ވެސް ދެފުށްފެންނަ، އިންސާފުވެރި ގޮތަކަށް، ވީހާ ވެސް ހުޅުވާލެވިގެން، ވީހާވެސް ގިނަ ބަޔަކަށް ބައިވެރި ވެވޭ ގޮތަށް ބޭއްވުމަކީ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ ގިނަ ބައެއްގެ އެދުމެކެވެ. އެމްޑީޕީ ޕްރައިމަރީ، ދެފުށް ނުފެންނަ ގޮތަކަށް ގެންގޮސް، ވަކި ބަޔަކަށް ތަބައްތަކަށާއި ސިޓީއުރަތަކަށް ލާފައި ޓިކެޓުތައް ދީފި ނަމަ އެމްޑީޕީ ދެބަޔަކަށް ބެހި ހިޔާލްތަފާތުވުން އުފެދި، ރާއްޖޭގެ ސިޔާސީ މަސްރަހު އަނެއްކާ ވެސް މުޅީން އާ "ކޯލިޝަން" އަކާ ދިމާއަށް ދިއުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. ސިޔާސީ ހަމަޖެހުން އޮތީ އިންތިހާބްގެ ޕްރައިމަރީ ތަކާއި މުޅި އިންތިހާބްވެސް އިންސާފުވެރި ވެގެންނެވެ. ރިޝްވަތާއި މަކަރުގެ މައްޗަށް މަޖުލިހުގެ ބިންގާ އެޅިއްޖެ ނަމަ އަނެއްކާ ވެސް އުފެދޭނީ ސިޔާސީ ހަމަނުޖެހުމާއި ފިތުނަ އާއި ދެކޮޅުވެރި ކަމެވެ.