ވޯޓު ކަރުދާސް ނޫސްވެރިންނަށް ދައްކާލައިފި، ފާހަގަ އެއް ނުދުވޭ!

އިލެކްޝަން ކޮމިޝަންގެ ފަރާތުން ނޫސްވެރިންނަށް ވޯޓު ކަރުދާސް ދައްކާލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓު ނަންބަރު އެކެއްގައި ޖެހި ފާހަގަ ބަލަ ބަލައި ހުއްޓައި ދެ ނަންބަރު ގޮޅިއަށް ފައިބައިގެން ދާ ވާހަކަ އަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެ ވާހަކަ ފެންމަތިވީ ރިޔާސީ އިންތިހާބްގެ ނަތީޖާ އިއުލާން ކުރުމަށް ފަހު ވެރިކަން ކުރާ ޕީޕީއެމުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީގެ ފަރާތުންނެވެ.

އެ އެއްވުމުގެ ބައިވެރިންނާ މުހާތަބުކޮށް މުއާޒު ވިދާޅުވީ، ކެންޑިޑޭޓް ނަންބަރު އެކެއްގައި ޖެހި ފާހަގަ ބަލަހައްޓައިގެން ހުއްޓާ ކެންޑިޑޭޓު ނަންބަރު ދޭއްގެ ގޮޅިއަށް ވެއްޓުނު މަންޒަރު ފެނުނު ކަމަށް އޭނާއަށް ގުޅުއްވި ފަރާތަކުން ބުނެފައިވާ ކަމަށެވެ. އަދި އެ ވާހަކަތައް ވަރަށް ސީރިއަސް ގޮތެއްގައި ބަލައި ދިނުމަށް ޕީޕީއެމުގެ އިސް ސަފުގައި ހިމެނޭ ފަރާތްތަކުން ވެސް ވަނީ ގޮވާލާފަ އެވެ.

ޕީޕީއެމްގެ އެ ތުހުމަތުތައް އޭރު ވެސް އީސީން ދޮގު ކުރި އެވެ.

ރިޔާސީ އިންތިހާބް ބާތިލު ކުރުމަށް ޕީޕީއެމުން ސުޕްރިމް ކޯޓަށް ހުށަހެޅި މައްސަލަ އެ ޕާޓީއާ ދެކޮޅަށް ނިމިފައިވާ އިރު އީސީން މިހާރު އެ ވަނީ ވޯޓު ކަރުދާސްތައް ނައްތާލުމުގެ އެންމެ ފަހުގެ މަރުހަލާގަ އެވެ.

އެގޮތުން ވޯޓު ކަރުދާސްތައް ޝްރެޑްކޮށް މިއަދު ނޫނީ މާދަން އެމްއެންޑީފެގެ އެހީތެރިކަމާ އެކު އަންދާލާނެ އެވެ. އޭގެ ކުރިން އީސީ އިން ވަނީ ރިޔާސީ އިންތިހާބްގައި ބޭނުންކުރި ވޯޓު ކަރުދާސް ނޫސްވެރިންނަށް މިއަދު ދައްކާލައިފަ އެވެ.

ނޮވެމްބަރު 6، 2016: އިލެކްޝަން ކޮމިޝަންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާޖަމާލުއްދީނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އީސީ އިން ވަނީ ފާހަގަ ނުޖަހައި ހުރި ބައެއް ވޯޓު ކަރުދާސްތައް ނޫސްވެރިން އަތް ލުމަށް ދީފަ އެވެ. އަދި ފާހަގަ ގޮޅީގައި ފާހަގަ ޖެހުމުގެ ފުރުސަތު ވެސް ދިނެވެ. އެއްވެސް ގޮޅިއެއްގައި ޖެހި ފާހަގައެއް ދުވާ މަންޒަރެއް ނުފެނެ އެވެ.

"މިއީ އެއްވެސް އިންތިހާބެއްގައި ކުރި ކަމެއް ނޫން. މިއީ ވޭތުވެ ދިޔަ އިންތިހާބްތަކުގައި އައި ކަހަލަ ވާހަކަތަކެއް ވެސް ނޫން މި އިންތިހާބްގައި މި ދެކެވުނީކީ އެއް،" މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވި އެވެ.

އީސީ އިން މިއަދު ވަނީ ވޯޓު ކަރުދާހުގައި ހިމެނޭ ސެކިއުރިޓީ ފީޗާސްތައް ވެސް ދައްކާލާފަ އެވެ. އެގޮތުން ޔޫވީ ލައިޓް އެޅުވުމުން ކެނޑިޑޭޓު ނަންބަރު އެކަކާއި ދިމާލުގައި އިންނަ ގޮޅީގައި ޕީޕީއެމްގެ ލޯގޯ އަދި ދެ ވަނަ ނަންބަރު ގޯޅި ތެރޭގައި އެމްޑީޕީގެ ލޯގޯ ވެސް އިނދެ އެވެ.

comment ކޮމެންޓް