އިލެކްޓްރޯނިކް ވޯޓިން ރާއްޖެއަކަށް ބޭނުމެއް ނުވޭ: އީސީ

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ޝަރީފް ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޭނުން ނުވާ ކަމަށް އިލެކްޝަން ކޮމިޝަން(އީސީ) އިން ބުނެފިއެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، އިލެކްޓްރޯނިކް ވޯޓިން ރާއްޖެއަށް ތައާރަފު ކުރުމުގެ ވިސްނުމެއް މިހާރުގެ ކޮމިޝަނުން ނުގެން ގުޅޭ ކަމަށެވެ.

"އިލެކްޓްރޯނިކް ވޯޓިންގަ މުޅި ޕްރޮސަސް އިލެކްޓްރޯނިކް ކުރުމުގެ ބޭނުމެއް ރާއްޖެ ކަހަލަ ކުޑަ އާބާދީއަކަށް އޮތް ކަމަކަށް އަޅުގަނޑުމެނަކަށް ނުފެނޭ،" ޝަރީފް ވިދާޅުވިއެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އީ ވޯޓިން ރާއްޖެއަށް ތައާރަފު ނުކުރި ނަމަވެސް އިންތިހާބާ ގުޅޭ ކަންކަމުގައި އިލެކްޓްރޯނިކް ކުރެވެން ހުރި ބައެއް ކަންކަން ޝަރީފް ފާހަގަކުރެއްވިއެވެ. އެގޮތުން ރީ ރެޖިސްޓްރޭޝަން އިލެކްޓްރޯނިކް ކޮށް ކުރިއަށް ގެންގޮސްފި ނަމަ ޝަކުވާތައް ބޮޑުތަނުން މަދު ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިފަހަރު ކަންދިމާވި ގޮތުން އިލެކްޓްރޯނިކް ރެޖިސްޓްރޭޝަން ރީ-ރެޖިސްޓްރޭޝަނަށް އިލެކްޓްރޯނިކަލީ ހޯދަން ބޭނުންވާ ބައެއް ސާމާނު ހޯދިފައެއް ނެތް،" ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ފަހު ކޯޓު މަރުހަލާގައި ދުވަސްތަކެއް ހޭދަވުމުން، އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބްގެ ރީ-ރެޖިސްޓްރޭޝަންގެ އެއްވެސް ކަމެއް އިލެކްޓްރޯނިކްކޮށް ކުރިއަށް ގެންދިއުމަށް މިހާރު ވަގުތެއް ނެތް ކަން ޝަރީފު ފާހަގަކުރެއްވިއެވެ.

އީ ވޯޓީން ރާއްޖެއަށް ބޭނުން ނުވާ ކަމަށް ޝަރީފް ވިދާޅުވި ނަމަވެސް މީގެ ކުރިން އެ ކޮމިޝަނުން ވަނީ އީ ވޯޓިންގެ ނިޒާމު ރާއްޖެއަށް ތާއާރަފު ކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި މީގެ ކުރިން އީސީގެ ރައީސަކަށް ފުއާދު ތައުފީގު ހުންނެވި ދުވަސް ވަރުގައި ވެސް އީ ވޯޓިން ރާއްޖެއަށް ތައާރުފު ކުރުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

comment ކޮމެންޓް