ތިލަފުށީ ބޭރުގައި އޮތް ބާޖެއްގައި ރޯވެއްޖެ

ތިލަފުށީ ބޭރުގައި އޮތް "ސަން ޓޫނާ" ކިޔާ ބާޖުގައި ރޯވި އަލިފާން ނިއްވާލުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް

ތިލަފުށީ ބޭރުގައި އޮތް، 320 ފޫޓު ދިގުމިން ހުރި ބާޖެއްގައި ރޯވެއްޖެއެވެ.

އެމްއެންޑިއެފް އިންފޯރމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ތިލަފުށީ ބޭރުގައި އޮތް "ސަން ޓޫނާ" ނަމަކަށް ކިޔާ ބާޖުގައި އަލިފާން ރޯވެގެން އެކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 7:53ގައި ކަމަށެވެ.

ކަންނެލި މަސްވެރިކަންކުރާ ދޯނިތަކުން މަސްކިރުވުމަށާއި، އައިސް ދޫކުރުމަށް ބޭނުންކުރާ މި ބާޖުގައި އަލިފާން ރޯވިއިރު އޭގައި 20 މީހުން ތިބި ކަމަށާއި، އެ ހުރިހާ މީހުންވެސް ސަލާމަތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗަކަށް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބާޖުގައި ރޯވި އަލިފާން ކޮންޓްރޯލްކުރުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި އެ ބާޖުގައި ގިނަ އަދަދަކަށް އެމޯނިއާ ގޭސް ހުރިކަމަށްވެސް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

އެ ބާޖުގައި ހިފި އަލިފާނުގެ 80 ޕަސެންޓް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އަދި އަލިފާން ކޮންޓްރޯލްކުރުމަށް ގިނަ ވަގުތުތަކެއް ނަގަނީ އޭގައި ގިނަ އަދަދަކަށް އެމޯނިއާ ގޭސް ހުރުމުގެ ސަބަބުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ ތަހުޤީގު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

comment ކޮމެންޓް