ލޯކަލް ޓުއަރިޒަމް ތަރައްގީކުރުމަށް ލުއި ލޯނު ދޭނަން: އިބޫ

ގދ. ރަތަފަންދޫގައި އިބޫ ވާހަކަފުޅު ދައްކަވަނީ: ފޮޓޯ: އެމްޑީޕީ

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ލޯކަލް ޓުއަރިޒަމް ތަރައްގީ ކުރުމަށް ލުއި ލޯނު ދޫކުރާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފިއެވެ.

ގދ. ރަތަފަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ފަތުރުވެރިކަމަކީ މުޅި ރާއްޖޭގައި ތަރައްގީ ކުރެވޭނެ ސިނާއަތެއް ކަމަށާއި އެގޮތުން އިއްތިހާދުގެ ވެރިކަމެއްގައި އެކަމަށް އިސްކަމެއް ދީގެން މުޅި ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީކުރާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި ލުއި ލޯނު ލޯކަލް ޓުއަރިޒަމް ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެން ދާނެ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވަޑައިގަންނަވާ އެހެން ރަށްތަކެކޭ އެއްފަދައިން ރަތަފަންދޫއަށްވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގަތެވެ. އެގޮތުން ސާފު ފެނާއި ނަރުދަމާއަކީ އަސާސީ ހިދުމަތެއްކަން ފާހަގަކޮށް ކޮންމެ ރަށެއްގައިވެސް ފެނާއި ނަރުދަމާ އަޅައި ދެއްވާނެކަމަށް އިބޫ ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ.

އޭގެ އިތުރުން ރަތަފަންދޫގެ ގިރާ ސަރަހައްދު މިހާރުން މިހާރަށްވެސް ހިމާޔާތްކުރަން ޖެހޭކަން އިބޫ ފާހަގަކުރެއްވިއެވެ. އަދި ވެރިކަމާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ އެރަށަށް ކޮށްދޭ ކަންތައްތަކުގެ ތެރޭގައި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ރަތަފަންދޫގައި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ އިތުރުން ސުކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކޮށްދެއްވާނެކަން އިބޫ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ރަށް ރަށުގައި ތިބެގެން މަސައްކަތްކޮށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދެއްވާނެ ކަމަށެވެ.

comment ކޮމެންޓް