މި ސަރުކާރުން ރިސޯޓް ހެދުމަށް 160 ރަށް ދޫކުރުމުން، އެކަމާ ކަންބޮޑުވެގެން އެ ވާހަކައެއް ކުރީގެ އޮޑީޓާ ޖެނަރަލް ނިޔާޒް އިބްރާހިމް ނުދައްކަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ހދ. ނޮޅިވަރަމްފަރަށް މިއަދު ވަޑައިގަތް އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރިސޯޓު ހެދުމަށް ރަށްތައް ދޫކުރާތީ އެކަމާ ގުޅިގެން ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހީމް އެމަނިކުފާނަށް ކަންބޮޑުވުންތައް ހިއްސާ ކުރިކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަ ވިދާޅުވުމުން އެމަނިކުފާނު ޒާތީ ވަނީއޭ ބުނެ ފަތުރާފައިވަނީ ވެސް ދޮގު ވާހަކަފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"މީ އޮޅުވާލައިގެން ދައްކާ ވާހަކަ. މިއީ ދޮގު ވާހަކަ. ނިޔާޒް އިބްރާހިމް، އަޅުގަނޑު ކައިރިއަކަށް އޭރުގެ އޮޑިޓާ ޖެނަރަލް ވަޑައެއް ނުގަންނަވާ އެ ވިދާޅުވާ 160 ރިސޯޓް ދޫކޮށްގެން އެ ވާހަކަ ދައްކާކަށެއް،" ރައީސް ވިދާޅުވިއެވެ.
ނަމަވެސް ނިޔާޒް އިބްރާހިމްގެ އެހެން ކަންބޮޑުވުންތަކެއް ރައީސްއާ ހިއްސާކުރެއްވިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެމްއެމްޕީއާރުސީއާއި އެމްޕީއެލްއާ ދެމެދު ހެދިފައި އޮތް ޑޮލަރު ގަނެ ވިއްކުމުގެ އެއްބަސްވުމާ ހިލާފަށް ކަންތައްތަކެއް ހިނގާކަން ރައީސްގެ ސަމާލުކަމަށް ގެނައި ކަމަށް ވިދާޅުވިއެވެ. އަދި އެކަން ހުއްޓުވާލެއްވުމަށް ނިޔާޒު ލަފާ ދެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ބުނިން ތިޔަކީ އަޅުގަނޑު ބެހޭނެ ކަމެއް ނޫނޭ އެމްޕީއެލްގެ މަނީ ޗޭންޖުކުރުމުގެ ލައިސެންސެއް އެމްއެމްއޭއިން ދީފައި އޮތްކަމުގައި ވަނީ ނަމަ ތިއީ މައްސަލައެއް ނޫނޭ. ގާނޫނީ ގޮތުން އަދި އެހެންވެސް ގޮތަކުން އެއާ މެދު އެޅޭނެ ފިޔަވަޅެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
"އެ ވާހަކަތައް ވިދާޅުވީމަވެސް އޭނަ ވިދާޅުވީ އަކަމަކު ވެސް ތިމަންނާ އެބަ ޖެހެއޭ މި ވާހަކަތައް ދައްކަން. އަޅުގަނޑު ދެންނެވިން ފެނިވަޑައިގަންނަވާ ގޮތަކަށް ތިވާހަކަ ދައްކަވާށޭ. އެހެންވީމަ ފެނިވަޑައިގަންނަވާ ގޮތަކަށް އެ ވާހަކަ ދައްކަވާފައި އެ ކަންކަން ނިމިގެން ދިޔައީމަ މިއަދު މަގާމުން ދުރުވެވަޑައިގެން އެ ހުންނެވީ،" ރައީސް ވިދާޅުވިއެވެ.
ވާހަކަ އޮޅުވުމާއި މީހުންގެ އަބުރައް އަރައިގަތުމުގެ ކިތަންމެ ކަމެއް މި ދުވަސްކޮޅުގައި ފެނިގެންދާނެކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.