ސަލާމަތީ ބާރުތަކުގެ މުހިންމުކަން އިހުސާސްވާނީ ކާރިސާއެއް މެދުވެރިވުމުން: ރައީސް

ރައީސް ޔާމީން ތ. ކަނޑޫދޫގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ސަލާމަތީ ބާރުތަކުގެ މުހިންމުކަން އިހުސާސްވާނީ ކާރިސާއެއް މެދުވެރިވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ތ. ބުރުނީ ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނާ ދިމާވާ ބޮޑެތި ކަންތައްތަކުގައި އަބަދުވެސް އެންމެގާތުން އެހީވަނީ ފުލުހުންނާއި ސިފައިން ކަމަށެވެ. ނަމަވެސް ފުލުހުންނާއި ސިފައިންގެ ހިދުމަތަކީ މުހިންމު ހިދުމަތެއް ނޫންކަމަށް އިދިކޮޅުން ބުނަމުންދާ ކަމަށެވެ.

"އަޅުގަނޑާ އިދިކޮޅަށް ވާދަކުރައްވާ ބޭފުޅުން އެންމެ ވަރުގަދައަށް ވަކާލާތުކުރައްވާ އެއްކަމަކީ ސަލާމަތީ ބާރުތަކަކީ އޭގެ ޒާތުގައި އެހާ މުހިންމު ބައެއް ނޫންކަމަށް. އެ މީހުންގެ ހިދުމަތަކީ އެހާ ފާޅުކަން ބޮޑުގޮތެއްގައި އެހާ ފުޅާކޮށް އޮންނަން ޖެހޭނެ ހިދުމަތެއް ނޫން ކަމަށް،"

ރައީސް ވިދާޅުވީ ސަލާމަތީ ބާރުތަކާމެދު އިދިކޮޅުން ދެކޭގޮތް އެމީހުންގެ ޓްވީޓުތަކުން އެނގޭ ކަމަށެވެ.

ރައީސް ވިދާޅުވީ ފެބްރުއަރީ ހަތެއްގައި ހިނގައިދިޔަ ކަންތައްތަކަށްފަހު އިދިކޮޅު ފަރާތްތަކުގެ ހިތްތަކުގައި ސަލާމަތީ ބާރުތަކާމެދު ނުތަނަވަސްކަން އޮންނާނެކަން އެނގިލައްވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ހައްގުގައި ހިދުމަތްކުރަން ތިބޭ މީހުންނާ ދޭތެރޭ ޒާތީ ތައައްސަބު އިސްކޮށް ވާހަކަދެއްކުމަކީ ރަނގަޅުގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ދެހާސް ހަތަރުވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ސަލާމަތީ ބާރުތަކުން ރައްޔިތުންނަށް ދިން އެހީތެރިކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ސަލާމަތީ ބާރުތަކާ ނުލާ އޭރު ދިމާވި ކަންތަކުން ފަސޭހަކަމާއެކު އަރައިނުގަނެވުނީސް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވި ކާނާއާއި ބޯހިޔާވަހިކަން އަވަހަށް ފޯރުކޮށްދިނުމުގައި ސަލާމަތީ ބާރުތަކުން އަދާކުރި ދައުރު ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑެއް، އަޅުގަނޑަށް ތާއީދުކުރާ މީހުންނެއް ގަބޫލެއް ނުކުރޭ ސަލާމަތީ ބާރުތަކުގެ ހިދުމަތްތަކާ ގުޅޭގޮތުން އިދިކޮޅުގެ ކެންޑިޑޭޓުން ދައްކާ ވާހަކަތަކެއް،" ރައީސް ވިދާޅުވީ ދިވެހިންގެ އަމިއްލަ ސަލާމަތީ ބާރެއް އޮންނަން އިދިކޮޅުން ބޭނުންނުވާ ކަމަށާއި ނަމަވެސް ބޭރުގެ ދިފާއީ ބާރުތަކުން ރާއްޖެ އަރަން އިދިކޮޅުން ގޮވާލާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަލާމަތީ ބާރު މިތާ ނޯންނަންވީ. އެކަމަކު ދިވެހިރާއްޖޭގައި ދިމާވާ ބޮޑެތި މައްސަލަތައް ހައްލުކުރަން ކައިރި ގައުމަކުން ކުލީ ސިފައިން ގެނައުމަކީ ހަމަ ދާދި އެންމެ ރަނގަޅުކަމެއް، މިއީ އެބޭފުޅުންގެ ވިސްނުން ހުންނަ ގޮތަކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ އެއާޕޯޓު ދިވެހިން ހިންގުމަށް އިދިކޮޅުން ބޭނުން ނުވާ ކަމަށާއި ދިވެހިންގެ މަސައްކަތުން އުފައްދާފައިވާ ރައުސުލްމާލެއް، އެއާޕޯޓެއް ބޭރު ބަޔަކަށް ދީގެން ނުވަތަ ވިއްކާލައިގެން އެ ހިދުމަތް ރާއްޖޭގައި ދިނުމަކީވެސް އިދިކޮޅުން ގަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅު ކަމެއް ކަމަށެވެ. މީގެ އިތުރުން ދިވެހި ކުންފުނިތަކުން ދޭ ހިދުމަތްތައް އެކުންފުނިތަކުން ދިނުމުގެ ބަދަލުގައި ބޭރު ކުންފުނިތަކުން ދިނުމަކީ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައިވެސް އެ ފަރާތްތަކުން ބުނާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ ސްޕީޑުގެ ވާހަކަ އިދިކޮޅަށް ދައްކަން އެނގުނީ މި ސަރުކާރުން މަސައްކަތްކުރާ ސްޕީޑު ފެނުމުން ކަމަށެވެ.

comment ކޮމެންޓް